ads
މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުން އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަނުން ވަނީ ރައީސްއަށް ޝުކުރު އަދާކޮށްފައި - ފޮޓޯ:އެމްއެންޔޫ
އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަނުން ރައީސްއަށް ޝުކުރު އަދާކޮށްފި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދަރިވަރުންގެ ޔޫނިއަންގެ އިލްތިމާސަށް އިޖާބަދެއްވައި، ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިދެއްވުމާ ގުޅިގެން އެކަމަށް އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަނުން ޝުކުރު އަދާކޮށްފި އެވެ.

މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންނަށް މިހާރެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތުގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި އެކަން ކަމާ ބެހޭ އިދާރާތަކަށް އަންގާފައިވާކަން ހާމަކޮށް ރައީސް އޮފީހުން އިއުލާނު ކުރި ޕޯސްޓު ޝެއާކޮށް އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަނުން "އެކްސް" ގައި ކުރި ޕޯސްޓުގައި ވަނީ ރައީސްގެ ނިންމުމަށް ޝުކުރު އަދާކޮށްފަ އެވެ. މި ނިންމުމަކީ އެމްއެންޔޫގެ އިތުރުން މެޑިސިން ކިޔަވާ ދަރިވަރުންނަށް ވެސް ލިބިގެންދިޔަ ފަހި ފުރުސަތެއް ކަމަށް ވެސް އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަނުން ބުނެފައިވެ އެވެ.

ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތައުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެ ކަމަށް އުފެދުނު ކަންބޮޑުވުންތަކަކާ ގުޅިގެން، އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ރައީސްއަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފޮނުއްވި ސިޓީ އާ ގުޅިގެން، އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން އެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު ވަނީ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ މަސްއޫލުވެރީންނާއި ދަރިވަރުންގެ މަންދޫބުންނާ އެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވާފަ އެވެ.

މި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށްފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާ، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތިން ކަންކަން ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސްގެ ފަރާތްޕުޅުން ވަނީ ދެއްވާފަ އެވެ. އަދި އެ ޔަގީންކަމާ އެއްގޮތަށް އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ކިޔެވުން މިހާރެކޭ ވެސް އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ރައީސް ހަމަޖައްސަވައިދެއްވައި ކަމާ ބެހޭ އިދާރާތަކަށް އިއްޔެ ވަނީ އަންގަވާފަ އެވެ.

އެކަން ހަމަޖައްސަވައި ދެއްވާފައިވާކަން ހާމަކުރެއްވުމަށް ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި އެމްއެންޔޫން ވަނީ ރައީސްގެ މި ނިންމެވުމުގެ ސަބަބުން ކިޔަވާކުދީންގެ ކަންކަމުގައި، ހާއްސަކޮށް މަތީ ތައުލީމު އުނގެނޭ ކުދީންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމުގައި ރައީސް ބޮޑު އިސްކަމެއް ދެއްވާކަން ކަށަވަރުވެއްޖެ ކަމަށް ފާހަގަކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް