ads
ހޮކޭ
ހޮކޭ އަލުން އެއްވަނަ ޑިވިޝަނަށް
ރާއްޖޭގައި މި ފަހުން އުފެދުނު އެންމެ މޮޅު އެއް ފުލްބެކް، މުހައްމަދު ރަޝީދު (ހޮކޭ) އަލުން އެއްވަނަ ޑިވިޝަނުގައި ކުޅެން ނިންމައިފިއެވެ.

ޕްރޮފެޝަނަލް ފުޓްބޯޅައިން ކުރިން ރިޓަޔަރކޮށްފައިވާ ހޮކޭ އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައީ، މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގައި މަސްއޮޑި ކްލަބަށް ކުޅޭށެވެ. އެ މުބާރާތް، ހޮކޭގެ ބޮޑު ހިއްސާއަކާއެކު ކާމިޔާބުކޮށް މަސްއޮޑި އެއްވަނަ ޑިވިޝަނަށް ކޮލިފައިވެފައިވާއިރު، ހޮކޭވަނީ އެ ކްލަބާއެކު އެއްވަނަ ޑިވިޝަނުގެ ފުޓްބޯޅައަށް އަލުން އެނބުރި އައުމަށް ނިންމައި، އެ ކްލަބަށް ކުޅެން ކޮންޓްރެކްޓްވެސް ހަދާފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުގެން ތެރޭގައި ގުނާލެވޭނެ، ހޮކޭ ވަނީ ރާއްޖޭގެ އެންމެ މަތީ ފަންތީގައި 10 ވަރަކަށް އަހަރަށްވުރެ ގިނަ ދުވަހު ކުޅެފައެވެ. އެއްވަނަ ޑިވިޝަނުގައި އެންމެ ފަހުން ހޮކޭ ކުޅުނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސްއަށެވެ. އޭގެ ކުރިން ވިކްޓްރީ، ނިއުރޭޑިއަން، ވެލެންސިޔާ، މާޒިޔާ އަދި ދަގްރާންޑޭއަށްވެސް ކުޅެފައެވެ.

ހޮކޭވަނީ ނިއުރޭޑިއަންޓާއެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ. އަދި އެ ކްލަބުގެ ކެޕްޓަންކަންވެސް ހޮކޭވަނީ ކޮށްފައެވެ. ގައުމީ ޓީމުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މޮޅު ކުޅުމެއް ހޮކޭ ކުޅުނެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް 30 އަށް ވުރެ ގިނަ މެޗު ކުޅެދިން ހޮކޭ ގައުމީ ޓީމަށް ލަނޑެއްވެސް ޖެހިއެވެ. އެއީ 2012 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕްގައި ނޭޕާލާ ދެކޮޅަށެވެ. އެ މެޗުގައި ރާއްޖޭން 1-0 އިން ނޭޕާލް ބަލިކުރިއިރު، ރާއްޖޭގެ ހަމައެކަނި ގޯލު ޖެހީ ހޮކޭ އެވެ.

ހޮކޭ އަކީ ރާއްޖޭން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދިއިރު، ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ހޮކޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2017 ވަނަ އަހަރު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް