ads
ސަރުކާރު ކުންފުނިތަކުން ލިބޭ އުޖޫރަ ރަނގަޅަސް ވަޒީފާގެ ޔަގީން ކަމެއް ނެތް - ފޮޓޯ:އެސްޓީއޯ
އެންމެ ކުޑަ އުޖޫރަ ކަނޑައެޅިޔަސް ބަދަލުނުވި ހާލަތު
ރާއްޖޭގައި މައްސަލަތައް ބައިވަރެވެ. ގިނަ ކަންކަން ހިނގަނީ ރަނގަޅަކަށް ނޫނެވެ. ބައެއްކަންކަން ދަނީ އޮތް ސަރުކާރެއްގެ ވެރިން ބޭނުންވާ ގޮތަށް ނަމަވެސް ރައްޔިތުނަށް ދަތިވާ ފަހަރު ގިނަ އެވެ. އެއް މިސާލަކީ މަސައްކަތްތެރިން އެ ބައިމީހުންނަށް ލިބޭ އުޖޫރަ ބޮޑުކޮށްދިނުމުގެ ބަހުސެވެ. މަސައްކަތްތެރިން ހަޅުތާލު ކުރަން ނުޖެހި ހެޔޮވަރު އުޖޫރަ ލިބޭނެ މަގެކެވެ.

މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް ހޯދައިދޭން ކުރަން ޖެހޭ ކަންކަން އަދިވެސް އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިންމު ކަމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވެސް އެ މީހަކު ކުރާ މަސައްކަތުގެ ހައްގު މިންވަރު ލިބިދެވޭކަން ކަށަވަރުކުރުން ކަމަށް ގަބޫލުކުރާ "ސިޔާސީ ވެރިން" ގިނަ އެވެ. ނަމަވެސް އެކަމަށް އަހުދު ވެނީ ހަމައެކަނި ސިޔާސީ ޕޯޑިއަމްގައި އެވެ.

ޕޯޑިއަމްގައި ދެކެވޭ ވާހަކަތަކަށް އަމަލީ ސިފަ ނުލިބި މަސައްކަތް ކުރުވައި އުޖޫރަ ނުދީ ލަސްކުރުމާއި ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް މުޖުތަމައުގެ ތެރޭގައި އަދިވެސް އަންނަނީ އިތުރު ވަމުންނެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާއި ހިލާފު ކަންކަން ވެސް ހިމެނޭ ހެންނެވެ.

ގާނޫނުން މަސައްކަތްތެރިންނަށް ބާރު ދިން މުހިއްމު އެއް ބަދަލަކަށް ވާނީ ނިމުނު ސަރުކާރުން ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް، މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަން ފެށުމެވެ. 

އެގޮތުން ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް ވަނީ ކަނޑައަޅައިފަ އެވެ.

މިނިމަމް ވޭޖް ކަނޑައެޅި ދާއިރާތަކާއި މިނިމަމް ވޭޖް:

- ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.

- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.

- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.

- ސިވިލް ސާވިސް، މަހަކު 7000ރ.

އެންމެ ފުރިހަމަ ނުވި ނަމަވެސް މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ތަކެއް ކަނޑައެޅިގެން ދިއުމަކީ   ދިރިއުޅުމުގެ ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމު ކަން ޒުވާނުން ގަބޫލުކޮށް، ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަށް ލިބުނު ހިތްވަރެކެވެ. ބިދޭސީން ކުރަމުންދާ މަަސައްކަތްތަކާ ދިވެހިން ހަވާލުވުމަކީ އިގްތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި އެކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ކަމަށް ގަބޫލުކުރާ މުޖްތަމައަކަށް ރާއްޖެވުމެވެ.

"ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހިން ނެރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ އަލުން މުރާޖާ ކުރުން. މަޖިލީހުގެ ސުޕަމެޖޯރިޓީ ގެ ބޭނުން ހިފާ ގާނޫނީ އޮނިގަނޑުގެ ތެރެއިން މިނިމަމް ވޭޖަށް އިތުރު ދާއިރާތައް އެޓް ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު ހާއްސަކޮށް ވޭޖް ބޯޑާ އަލުން މަޝްވަރާ ކުރަން ޖެހޭ." ވިޔަފާރި ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި އަހުމަދު ހަލީމް ވިދާޅުވި އެވެ.

ގައުމެއްގެ އުމްރާނީ އަދި އިޖުތިމާއީ ތަރައްގީގެ ''މައި އިންޖީނަކީ'' އެ ގައުމެއްގެ ހީވާގި މަސައްކަތްތެރިންނެވެ. މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ, ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެ ކަމަށް ހަލީމް ގަބޫލުކުރައްވަ އެވެ. އަދި ވަކިން ހާއްސަކޮށް ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ ބޮޑަށް އިތުރު ކުރުން ހަލީމް ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑުމެން ހޯދަން މި މަސައްކަތްކުރާ ތަރައްގީގެ އައްސޭރި ދާދި ފަސޭހައިން ފެންނާނެކަން ޔަގީނެވެ،" ހަލީމް ވިދާޅުވި އެވެ.

މިނިމަމް ވޭޖްގެ ވާހަކަ ގަދައަށް ދެކެވޭތާ ވިއްސަކަށް އަހަރުފަހުން ނިމުނު ސަރުކާރުގެ ލަފަޔާއި އެކު މިނިމަމް ވޭޖު ބޯޑުގެ ނިންމުންތަކާއިއެކު ތަންފީޒުވަމުންދާ މިނިމަމް ވޭޖް ގަރާރުގައި ހުރި ކެޓަގަރީތަކުން އަދި ދިވެހި ސިވިލް ސާވިސް މުވައްޒަފުންނާއި އެހެން ސެކްޓަރުތަކުގެ މުވައްޒަފުން ތިބީ އުފަލަކުން ނޫނެވެ. ރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 40 ޕަސެންޓަށް ވުރެ ގިނަ މީހުންގެ މަހު މުސާރަ އުޅެނީ 6،000ރ އިން ދަށުގައި ކަމެވެ. އަދި މާލެއާއި އަތޮޅުތަކުން ލިބޭ އާމްދަނީގެ ފަރަގު އިންތިހާއަށް ބޮޑެވެ. ކުރަންޖެހޭ ހޭދައާއި ނުބައްދަލެވެ.

ސިވިލް ސާވިސްއިން ކުރި ސާވޭއެއްގެ މައްޗަށް އަލި އަޅުވާލާ މި ރިޕޯޓަށް މައުލޫމާތު ހިއްސާކުރި އެކަކީ ހަލީމަތު އެވެ. ސަރުކާރުގެ މުވައްޒަފެއް ނަމަ ވަޒީފާގައި ދެމިހުންނަން ނުވަތަ ކުރިއަށް ދިއުމުގައި ދިމާވާ ގޮންޖެހުންތައް ހަލީމަތު އަލިއަޅުވާލި އެވެ. 

ހަލީމަތު ބުނީ އޭނާ އަކީ ސްކޫލެއްގެ އެޑްމިން ބައިގައި މަސައްކަތް ކުރަމުން އަންނަ މީހެއްކަމަށެވެ. ޓީޗަރުން ހެން ކްލާސްތަކަށް ގޮސް ކިޔަވައިދީ، ލެސަން ޕްލޭން ހަދައި، ރަސްމީ ބަންދު ދުވަސްތަކުގައި އާއި ރާސްމީ ނޫން ވަގުތުތަކުގައި އިރުއިރުކޮޅާ ސްކޫލަށް އައިސް އެކްސްޓްރާ ގަޑިތަކާ އިތުރު ހަރަކާތްތައް ނުބޭއްވި ކަމުގައިވިއަސް ޓީޗަރުންނަށް ކިޔަވައިދެވެނީ އަހަރުމެން އެޑްމިން ސްޓާފުންނާ ސަޕޯޓް ސްޓާފުން ކުރާ ބުރަ މަސައްކަތުންކަން ޕްރިންސިޕަލާއި ޓީޗަރުން ގަބޫލުކުރާނެ ކަމަށެވެ.

މިހެން ބުނެފާ ހަލީމަތު ދެން ހިއްސާ ކުރީ އޭނާގެ ރަސްމީ އެއް ދުވަހުގެ މަސައްކަތަށެވެ. ފަތިހު ފަތިހާ ހޭލައިގެން މުޅި ސްކޫލް ގޯތިތެރެއާއި ބޭރު ކުނިކަހައި ސާފުކޮށް ކްލާސްތަކާއި، އޮފީސް އަދި ސްޓާފްރޫމް އެދުވަހު ސްކޫލަށް ކުދިންނާ ޓީޗަރުންގެ އިތުރުން އެހެނިހެން ސްޓާފުން އައުމުގެކުރިން ސާފުކޮށް އެދުވަހަށް ތައްޔާރުކުރަނީ ސަޕޯޓް ސްޓާފުންގެ ޓައިޓެލްގައި ހަލީމަތުގެ ޓީމުންނެވެ. ސާފުކޮށް ނިމޭހާ ވަގުތު ކައިރިވާން އުޅޭއިރު އެކެޑަމިކް އަދި އެޓްމިން ސްޓާފުން ސްކޫލަށް ހާޒިރުވެ ކުދިން އައުމުގެ ކުރިން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވާނެ ކަމަށް ހަލީމަތު ބުންޏެވެ.

ތައްޔާރީތައް ވަމުންދާއިރު ސްކޫލް ބެލްޖެހެ އެވެ. ސްކޫލަށް ކުދިން ހާޒިރުވާ ހިސާބުން ހަލީމަތު ބުނާގޮތުން ދުވަސް ފެށުނީ އެވެ. ސްކޫލު ނިމޭ ވަގުތު ޖެހެންދެން ހުރިހާ މުވަޒަފުން އެއް ވާމަކަށް މަސައަކަތް ކުރަންޖެހެ އެވެ. ޓީޗަރުން ކިޔަވާދިނުމުގަ އެވެ. އެޑްމިން ސްޓާފުން ޓީޗަރުންނާ ކުދިންގެ ހިދުމަތުގަ އެވެ. ސަޕޯޓް ސްޓާފުން ހުރިހާ މުވަޒަފުންގެ ހިދުމަތުގަ އެވެ. ސެޝަން ނިމި ކުދިން ގެއަށް ދިއުމުން އެދުވަހު ކުރަންޖެހޭ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމުނީ އެވެ. ދެން އޮތީ އަނެއް ދުވަހަށް ތައްޔާރުވާން ކުރަންޖެހޭ މަސައްކަތްތަކެވެ.
 
ޓީޗަރުން ވޯކްޝީޓް ހެދުމާއި އެކްސްޓްރާ ކްލާސްތަކާ އެހެނިހެން މަސައްކަތްތަކުގައި އަވަދިނެތި އުޅެންޖެހެ އެވެ. ސަޕޯޓް ސްޓާފުން ކްލާސްތައް ސާފުކޮށް އެކްސްޓްރާ ކްލާސްތަކާ އިތުރު ހަރަކާތްތަކާ އެހެނިހެން މަސައްކަތްތަކުގައި އަވަދިނެތި އުޅެންޖެހެ އެވެ. އެޑްމިން ސްޓާފުން އެމީހުންގެ ޒިންމާތަކުގެ އިތުރުން އިތުރު ހަރަކާތްތަކަށް ބޭނުންވާ ބެނާ ތަކާ ތަންތަން ޑެކަރޭޓްކޮށް ވަޒީފާގެ ޒިންމާއިން ބޭރު ކިތަންމެ ކަމެއްވެސް ކުރަންޖެހެ އެވެ. 

އަދި އެންމެ މުވަޒަފެއް ސްކޫލްގައި ހުއްޓަސް ހުރިހާ ތަނެއްގައި ތަޅުލައި ތަޅުދަނޑި އޮފީހަށް ގެންނަންދެން އޮފީހުގައި ތިބެންޖެހެ އެވެ. ހުކުރު ހޮނިހިރު އަދި އެނޫންވެސް ސަރުކާރު ބަންދެއް އައިސްފިނަމަ އިތުރު ހަރަކާތްތަކާ އެކްސްޓްރާ ކްލާސްތަކާ އެނޫންވެސް ކޮންމެވެސް މަސައްކަތެއް ކުރަން ނިކުންނަން އަންގަ އެވެ. 

މީއީ ސްކޫލްތަކުގައި މަސައްކަތްކުރާ ހުރިހާ މުވަޒަފުން ވަޒިފާ އަދާކުރަންޖެހޭ ގޮތެވެ. ސްކޫލުގައި މަ އަދާކުރަންޖެހޭ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެކޭ އަނެއް މީހާ ކުރަނީ ލުއި މަސައްކަތެކޭ ބުނެވޭނެ އެއްވެސް މުވަޒެފެއް ސްކޫލް ދާޢިރާގައި ނޫޅޭނެ ކަމަށް ހަލީމަތު ބުންޏެވެ. ސަބަބެއް ކަމަށް ހަލީމަތު ބުނީ، އެންމެން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ނޫނީ ރަސްމީ ދުވަހެއްގެ ކިޔެވުން ނިމެންދެން "ސްމޫތް" ކޮށް ކުދިންގެ ކިޔެވުމާއި އެކްސްޓްރާ ހަރަކާތްތައް ކުރިއަށް ނުދާނެ ތީ އެވެ. 

"އިތުރު ހަރަކާތެއް ބޭއްވިއަސް ކުލަގަދަކޮށް ފާހަގަކޮށް ނިންމާލެވެނީ. މިއިން ކޮންމެ ކަމަކީވެސް ސްކޫލުގައި ކިޔަވާ ކުދިންގެ މުސްތަގުބަލަށްޓަކައި ނޫނީ އެކުދިންގެ ކުރިއެރުމަށްޓަކައި ކުރާ ކަންތައްތައް. ކުރާ މަސައްކަތާ އަޅާ ބަލާއިރު ލިބޭ އުޖޫރައަކީ "ޕޮކެޓް މަނީ" ގެ ގޮތުގައި ލިބޭ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ" ހަލީމަތު ބުންނެވެ.

ރަސްމީ ގަޑިތަކަށްވުރެ އިތުރުގަޑީގައި ކުރަންޖެހޭ މަސައްކަތް ގިނަވެފައި އޮންނައިރު އޯޓީގެ ގޮތުގައި ލިބެނީ ހަލީމަތު ބުނާ ގޮތުން 10 ޕަސެންޓެވެ. މިހާ ބުރަކޮށް އެންމެން އެކަތިގަނޑަކަށްވެ މަސައްކަތް ކުރަމުން އަންނަނިކޮށް ސަރުކާރުން "މިނިމަމް ވޭޖް" އެއް ކަނޑައެޅި ކަމަށް ހަލީމަތު ބުންޏެވެ. އޭގެ ސަބަބުން ކުރިން -/7000 އަށްވުރެ ދަށުން މުސާރަ ލިބެމުން އައި މުވަޒަފުންނަށް -/7000 ރުފިޔާ ލިބެން ފެށި އެވެ. އޯޓީގެ ގޮތުގައި ލިބޭ އެތިކޮޅު ކުޑަވިއަސް ކުރިން ދެމުން އައިގޮތަށް ލިބޭ ކަމަށް ހަލީމަތު ބުންޏެވެ.

ނަމަވެސް ހަލީމަތު ކިޔާދިން ގޮތުން ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ހިތްހަމަޖައްސާލެވޭ ވަރަށް ބޮޑުކޮށްލިއިރު ޓީޗަރުންނަށް އެބަޔަކާ ނުލައި ކިޔަވައިނުދެވޭ އެޑްމިން އަދި ސަޕޯޓް ސްޓާފުންގެ މުސާރަވީ ކުޑައެވެ. ކުރިން ލިބެމުން އައި އޯޓީވެސް ރެއާއި ދުވާލެއް ހައްޖެއް ހުކުރެއްގައި މަސައްކަތް ކުރި ކަމުގައިވިއަސް ބޭސިކް ސެލަރީގެ 10 ޕަސެންޓް ލިބޭގޮތަށް ގަވާއިދު ބަދަލުކޮށް ސްކޫލްތަކަށް އެންގި ހަލީމަތު ބުންޏެވެ.

"ކަޮންފަދަ ނާއިންސާފެއްތޯއެވެ؟ މިއީ އަހަރުންނަށް ހަމަ ހައްގުވާ މިންވަރުތޯއެވެ؟ ނޫނީ އަހަރުންނަށް ކުރި ޖެއްސުމެއްތޯއެވެ؟ ރަނގަޅު އުޖޫރައެއް ނުލިބުނު ތަނުގައި ކުރިން ލިބެމުން އައި އޯޓީކޮޅުވެސް ދިނުން ހުއްޓާލީ" މުޅިންހެން ހިތްވަރު އެލި މަސައްކަތްކުރަން ފޫހިވެއްޖެ ކަން ފާހަގަކޮށް ހަލީމަތު ބުންޏެވެ.

މިފަދަ ކިތައްމެ ހަލީމަތެއްގެ ވާހަކަތައް ދަނީ އިވެމުންނެވެ. ނެތީ އަޑު އަހާނެ މީހުންނެވެ. މަސައްކަތް ކުރުމަކީ އިންސާނަކަށް ވީތީ ކޮންމެ މީހެއްގެ ވެސް ވާޖިބެކެވެ. ހަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ ހުތުރު ކަމެއް ނޫނެވެ. ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ ކަމަށް ބުނެ އެއްވެސް މަސައްކަތެއް ނުކުރާ ޒުވާނުން ތިބެނީ ވަޒީފާގެ މާހައުލުގައި މިފަދަ ތަފާތުކުރުން ހުންނާތީ އެވެ. 

ކުރީ ސަރުކާރުން ކަނޑައަޅައި އާއްމުކުރި މިނިމަމް ވޭޖަކީ ރާއްޖެއަށް އެކަށީގެންވާ އަދަދުތަކެއް ނޫން ކަމަށާއި އޭގެ ނުރަނގަޅު އަސަރުން ގިނަ ބަޔަކު މަގުމަތިވާނެ ކަމަށް ވިދާޅުވި އެއް ބޭފުޅަކީ އެއިރު އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އެވެ. މިއަދު މި އޮތީ މުޅިން އާ ސަރުކާރެކެވެ. މިއަދު ނައިފަރު ދާއިރާ މަޖިލީހުގައި ތަމްސީލުކުރުން ދޫކޮށް ޝިޔާމް ވެސް އިންނެވީ ވަޒީރުންގެ މަޖިލީހުގައި އެވެ. ދިވެހި މަސައްކަތް ތެރިކަމުގައި އެންމެ ބުރަ މަސައްކަތް ކުރައްމުން އަންނަ ދިވެހިންގެ ލޭނާރު މަސްވެރިންގެ ޒިންމާ ތަކާއި ހަވާލުވެ އެވެ.

"ބައިވަރު ހޯމްވޯކް މީގައި ހަދަން ހުއްޓައި ހަމަ ކުއްލިއަކަށް ކަމެއް ކުރުމުގެ ބޭނުމުގައި ކޮށްފައި މިއޮތީ. މިއީ ޒަމާނުއްސުރެން މީހުން ދެކެމުން އައި ހުވަފެނެއް. އެކަމަކު ކަނޑައަޅަން ގިނަ ކަންތައްތަކެއް ހުއްޓައި އިއުލާން މިކުރީ،" 09 ނޮވެމްބަރ 2021 ގައި މަޖިލީސް ތަޅުމުގައި ކުޑަ އުޖޫރައަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އެދުވަހު ސަރުކާރުގެ ނިންމުމަށް ފާޑުވިދާޅުވަމުން ބުނީ ގައުމުތަކާ އަޅާކިޔާއިރު އެއް ނިސްބަތަކުން އާމްދަނީ ވަނުމާއި ދިރިއުޅުމުގެ ހާލަތު ވެސް މިސާލަކަށް އެ ދައްކާ ގައުމުތަކުގައި ތަފާތު ވެދާނެ ކަމަށެވެ. ވިސްނަން ޖެހޭނީ މި ގައުމުގައި ރައްޔިތުން އުފުލަން ޖެހިފައި ވަނީ ކިހާ ވަރެއްގެ ބުރައެއްތޯ ކަމަށް ވިދާޅުވި އެވެ.

"އެ ގައުމުތަކުގެ ދިރިއުޅުމުގެ ހަރަދު ހުރީ ކިހާ ހިސާބެއްގައިތޯ، ދިވެހި ރާއްޖޭގައި ހުރީ ކިހާ ހިސާބެއްގައިތޯ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރަހައްދުގައި ވެސް ދިރިއުޅުމަށް ކުރަން ޖެހޭ ހޭދަ ބޮޑު ގައުމަކަށް ދިވެހިރާއްޖެ ވާނެ،" ޝިޔާމް ވިދާޅުވި އެވެ.

ތެދެކެވެ. ސަރަހައްދީ ގައުމުތަކާއި އަޅާބަލާއިރު، ދިވެހި ރާއްޖޭގައި ދިވެހިން އުޅެނީ ވަރަށް ބޮޑު ހަރަދެއް ކޮށްގެންނެވެ. ކުލީގެ ގޮތުގައާއި ކާބޯތަކެއްޗާ ކަރަންޓާއި ފެނަށް އަދި ގޭހަށް ވެސް ދިވެހިން ކުރާ ހަރަދު އިންތިހާއަށް ބޮޑެވެ. މިހެން ވަނީ ރާއްޖޭގެ އިގްތިސާދުގައި، ހަގީގަތުގައި ވަރު ނެތުމުން ކަމަށް ބެލެވިދާނެ އެވެ.

އެހެން ކަމުން އިގްތިސޯދުގައި ވަރު ޖައްސާ ކުޑަ އުޖޫރަ ހަމަޔަކަށް އެޅުވުމުގައި ޝިޔާމްގެ ސަރުކާރުގެ ސިޔާސަތުތައް ވަރަށް މުހިއްމެވެ. މި މަސައްކަތްތެރިންނަކީ އިގްތިސާދެއް ކުރިއަރައި، ގައުމުގެ އާމްދަނީ އިތުރުކޮށް، ގައުމުގެ ތަރައްގީގެ މުހިންމު ދައުރެއް އަދާކުރާ ބައެއް ކަން ފާހަގަކޮށް އެ މީހުން ގައުމަށްޓަކައި ކުރަމުންދާ ހިދުމަތުގެ އަގު ވަޒަންކޮށް، ސާބަސް ދޭންޖެހެ އެވެ. ސިޔާސީ ނުފޫޒުން މީހުން ވަޒީފާއިން ވަކި ކުރުމާއި ވަޒީފާ އަދާކުރާ ތަން ބަދަލު ކުރުމަކީ މަސައްކަތްތެރިން ޖެހިފައިވާ "އުދަގުލެކެވެ"

މަސައްކަތްތެރިންގެ އެތައް ހައްގުތަކެއް ދިވެހިންގެ ތެރޭގައި ނިގުޅައިގެންފައިވާ ކަމަށް ގަބޫލުކޮށް މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމާއި ގާނޫނާ ހިލާފަށް އިންޒާރު ދިނުމާއި ވަޒީފާއިން ވަކި ކުރުން ފަދަ ކަންކަން ސަރުކާރު ތެރޭގައި ނޫނަސް މިހާރު ވެސް ހިނގަމުންދާ ކަމީ ދެބަސް ނުވެވޭނެ ހަގީގަތެވެ.

"އެންމެ ކުޑަ އުޖޫރަ ކަނޑައެޅިޔަސް ބަދަލުނުވި ހާލަތު" ދެނެގަނެ ގޮންޖެހުންތަކުން އަރައިގަތުމަކީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަސައްކަތެކެވެ. މިކަމަށް ރައްޔިތުންގެ ފަރާތުން ބޭނުންވާނެ ހުރިހާ ސަޕޯޓަކާއި ތާއީދެއް ސަރުކާރަށް ވަނީ ދީފަ އެވެ. ދިވެހި މަސައްކަތްތެރިން ވީހާލެއްގައި ވާން ދޫކޮށް ނުލާށެވެ. މިނިމަމް ވޭޖާ އެކު މުސާރައިގެ އެންމެ ބޮޑު ހެޔޮ ބަދަލެއް ފެންނާނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ކަމަށް ބެލެވުނު ނަމަވެސް އެކަން ވެސް ވީ ތިޔަ ހީކުރި ގޮތަކަށް ނޫނެވެ. 

"ޒަމާނުއްސުރެން ފެށިގެން ރާއްޖޭގެ ރިޒޯޓްތަކުގައި މުސާރަ ދިނުމުގައި ބޮޑެތި އޮޅުވާލުން އަބަދުވެސް ހުރޭ. މީ ހައްލެއް ނާންނަ މައްސަލައެއް. އިތުރުގަޑިއަކީވެސް ލިމިޓްކުރެވޭ ގޮތަށް ގާނޫނީ ގޮތުން އޮތް އެއްޗެއް ނޫން. ރާއްޖެއަކީ އައިއޯއެލްގެ މެންބަރު ގައުމެއް. ހަފުތާއަކު 52 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރުވާ ވަގުތަށް ކަޑައަޅާފައިވާ މިންވަރު ކޮންމެ ގަޑިއަކަށް ބަރާބަރަށް ދޭންޖެހޭނެ." ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.

"ރިސޯޓް ބޯއީސް"ގެ ވާހަކަތައް ވެސް އަޑު އަހާށެވެ. ޓީޗަރުންނާއި ނަރުހުން ވެސް ތިބީ އުފަލަކު ނޫނެވެ. އަންހެނުންގެ ހިއްސާ ބޮޑު، ސިވިލް ސާވިސްގެ މުވައްޒަފުން ވެސް ތިބީ މިނިމަމް ވޭޖާއިއެކު މުސާރައިގެ ހަމަހަމަކަން ގެއްލިފަ އެވެ. އެއަށް ވުރެ ބޮޑު ސުވާލަކީ މިއެވެ؛ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިޔަސް ހާލަތު ބަދަލުނުވީ ކީއްވެ ހެއްޔެވެ؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް