ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބަންޑާރަ ނައިބުގެ މަޤާމު އަދާ ކުރެއްވި ރިފްއަތު އޭސީސީ އަށް ޙާޒިރު ކޮށްފައި ވަނީ މިއަދުގެ މެންދުރު ފަހު 14:30 ގައެވެ. ރިފްއަތު އޭސީސީ އަށް ހާޒިރުވި ވަގުތު، އެ ސަރަހައްދުގައި އެމްޑީޕީގެ މެމްބަރުން ވަނީ އެއްވެ، އަޑު އުފުލައިފަ އެވެ.
ރިފްއަތު އޭސީސީއަށް ހާޒިރުކޮށްފައި ވަނީ ސީދާ ކޮން މައްސަލައެއްގައި ކަމެއް އޭސީސީއަކުން އަދި ހާމައެއް ނުކުރެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓްގެ ހަތަރު މިނިސްޓަރަކު މިހާތަނަށް ވަނީ އޭސީސީއަށް ހާޒިރުކޮށްފަ އެވެ.
އެގޮތުން މިދިޔަ އާދީއްތަ ދުވަހު ވަނީ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އޭސީސީ އަށް ހާޒިރު ކޮށްފަ އެވެ. އޭގެ ފަހުން ހޯމަ ދުވަހު ވަނީ އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް އޭސީސީ އަށް ހާޒިރު ކޮށްފަ އެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ބުދަ ދުވަހު އޭސީސީ އަށް ހާޒިރު ކޮށްފައިވާއިރު، ބުރާސްފަތި ދުވަހު ރިފްއަތު ހާޒިރު ކުރުމާ އެކު، ކުރީ ސަރުކާރުގެ ހަތަރު ބޭފުޅަކު މި ވަނީ މި ހަފުތާގެ ތެރޭގައި އޭސީސީއަށް ހާޒިރު ކޮށްފަ އެވެ.
އެ ބޭފުޅުން އޭސީސީއަށް ހާޒިރުކުރާ މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ވިދާޅުވީ އެކަމަކީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެމްބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށެވެ.
އޭސީސީން ސުވާލުކުރުމަށް ފަހު ނިކުމެވަޑައިގެން އަމީރާއި ފައްޔާޒު ވެސް ވަނީ މި ތަހުގީގުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އިބޫ ފަދައިން މި ދެ ބޭފުޅުން ވެސް ވިދާޅުވީ މިއީ ސަރުކާރު އަޑީގައި އޮވެގެން ސިޔާސީ މަގުސަދެއް ހާސިލުކުރަން ހިންގާ ތަހުގީގެއް ކަމަށެވެ.