ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ކުރިން ބޭރު ކުރިހެން ނަގުދު ފައިސާ ރާއްޖޭން ބޭރު ނުކުރެވޭ ގޮތަށް ކަސްޓަމްސްގެ ކޭޝް ޑެކްލަރޭޝަނަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ކުރީގައި 10،000 ޑޮލަރަށް ވުރެ ގިނައިން ހިފައިގެންދާ މީހާއަށް، އެމީހަކު މި ދަނީ މިވެނި އަދަދެއްގެ ޑޮލަރު ހިފައިގެންނޭ ކިޔާފައި ދެވޭ ކަމަށް އިހުސާން ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވެފައި ވަނީ އެގޮތަށްދާ މީހާ އާ ސުވާލު ކުރުމެެއް ނެތި ޑިކްލެއާކޮށްދޭ ކަމަށެވެ.
ބައިނަލްއަގުވާމީ އިދާރާތަކުން އެކަން ކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކެއް ހުންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވި ގޮތުގައި މީހަކު 10،000 ޑޮލަރަށް ވުރެ ގިނައިން ނަގުދު ފައިސާ ހިފައިގެންދާ ކަމަށް ވަނީ ނަމަ "ސޯސް އޮފް ފަންޑް" ޑިކްލެއާކުރަން ޖެހޭ ކަމުގަ އެވެ.
އިހުސާން ވިދާޅުވީ މިހާރު އެގޮތަށްދާ ނަމަ އެމީހަކު ހިފަހައްޓާނެ ކަމަށެވެ. އެއީ ދިވެއްސެއް ނުވަތަ ބިދޭސީއަކަށް ވީނަމަވެސް ރާއްޖޭން ބޭރަށް 10،000 ޑޮލަރަށް ވުރެ އިތުރަށް (ދިވެހި ނުވަތަ ބޭރު ފައިސާ) ހިފައިގެންދާ މީހާ ހިފަހައްޓާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އިހުސާން ވިދާޅުވެފައި ވަނީ އެ ފައިސާ ރާއްޖޭން ބޭރު ކުރެވޭނީ އެއީ ކޮންތާކުން، ކިހިނެއް ހޯދި ފައިސާއެއްތޯ ގާނޫނީ އިމުގެ ތެރެއިން ބަލާއިރު އެމީހަކު ދައްކާ ވާހަކައަކީ ހަމަޖެހޭ ވާހަަކައެއްތޯ ބެލުމަށް ފަހުގައި ކަމަށެވެ.
މިހާރު ރާއްޖޭން ގަވާއިދާ ހިލާފަށް ބޮޑެތި އަދަދުތަކުން ނަގުދު ފައިސާ ބޭރުކުރުން ގާތްގަނޑަކަށް މި ވަނީ ހުއްޓުމަކަށް ގެނެވިފައި ކަމަށް އިހުސާން ފާހަގަކުރެއްވި އެވެ.