ކ. ފުނަދޫގައި ގާއިމުކުރަން ނިންމާފައިވާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތް ކުރުމަށް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާއެކު އިކޮނޮމިކް މިނިސްޓްރީން މިއަދު އެމްއޯޔޫއެއްގައި ސޮއިިކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ޑިވެލޮޕްމެންޓް ބޭންކް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށެވެ.
ޑިވެލޮޕްމެންޓް ބޭންކާ އެކު ރާއްޖޭގެ ތާރީހު ބަދަލު ކުރެވޭނެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ އިތުރުން އަމިއްލަ ކުންފުނިތަކާ އެކު ކުރާ މަސައްކަތުން އެ ބޭންކުގައި އިންވެސްޓް ކުރާނެ އިންވެސްޓަރުންގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެެވެ.
މިއީ ލިބޭ ކުރިއެރުމެއް ކަމަށާއި ބަލަމުން ދަނީ "ޖުލައި މަސް ތެރޭގައި އަޅުގަނޑުމެން މި ބަލަނީ ބޭންކުގެ އޮޕަރޭޝަން އިރާދަކުރެއްވިއްޔާ ފެށޭނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.
ޑިވެލޮޕްމެންޓް ބޭންކަކާއި އޮފްޝޯ ބޭންކިންގެ ހިދުމަތް ހިމެނޭހެން ރާއްޖޭގައި މާލީ ސިނާއަތެއް ތަރައްގީ ކުރުމަށް މިދިޔަ ޖެނުއަރީ މަހު "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް ވަނީ އުފައްދާފަ އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނަކަށް އައްޔަންކުރައްވާފައި ވަނީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ތަރައްގީގެ މަޝްރޫއުތަކާއި އެފަދަ ކަންކަމަށް ލުއި ގޮތްތަކެއްގެ މަތިން ފައިސާ ދޭ ޑިވެލޮޕްމަންޓް ބޭންކެއް ގާއިމު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.