ads
ރަސްމީ ފާލަން، އިއްޒުއްދީން ފާލަމަށް ގެންނަ ބަދަލު ފެންނަ ގޮތުގެ ކުރެހުމެއް
ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ރަސްމީ ފާލަން ތަރައްގީކުރަނީ
ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ރަސްމީ ފާލަން ނުވަތަ "އިއްޒުއްދީން ފާލަން" އަލުން ތަރައްގީ ކުރުމުގެ މަޝްރޫއު ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރުމާ ގުޅިގެން، މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.
Advertisement

އެމްޓީސީސީން މިއަދު ބުނީ ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރު ގައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުންފުޅު ކުރައްވާ އިއްޒުއްދީން ފާލަމަކީ ދިވެހި ޖުމްހޫރިއްޔާގެ އިއްޒަތާއި ސިޔާދަތާއި ދިވެހިންގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މުހިންމު ބިނާއެއް ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އިއްޒުއްދީން ފާލަން އެންމެފަހުން ފަރުމާކޮށްފައި ވަނީ އެ ކުންފުނިން ކަމަށް އެމްޓީސީސީން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ މި ފާލަން ފަރުމާކުރެވުނީ އިހުޒަމާނުގައި ދަތުރުފަތުރު ކުރުމަށް ބޭނުން ކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެން ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ފާލަން ވަނީ ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައި ކަމަށް އެމްޓީސީސީން ބުނެ އެވެ.

"އަލުން ތަރައްގީ ކުރެވޭ ރަސްމީ ފާލަމަކީ ދިވެހީންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުން ކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެ ކަމުގެ ޔަގީންކަން މި ކުންފުނިން ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" އެމްޓީސީސީން ބުނެފައިވެ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އާ ޖެޓީގެ ކޮންކްރީޓް މަސައްކަތާއި ސްޓީލް ސްޓަރަކްޗަ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑާމުގެ މަސައްކަތް ހިމެނޭ ކަމުގަ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ބުނީ ވޭތުވެދިޔަ 43 އަހަރުގެ ތެރޭގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ކާމިޔާބުކަމާ އެކު ނިންމާފައި ކަމަށެވެ. ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި، 1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް