ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ވީއައިއޭއަށް ޓެކްސީތައް ނުދާ ކަމުގެ ޝަކުވާ ރޭގައި ލިބިވަޑައިގެންނެވި ކަމަށެވެ. އެކަން ހައްލުކުރަން އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި އެމްޓީސީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ އާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވެފައި ވަނީ މި ސަރުކާރުން ގާނޫނު ތަންފީޒު ކުރާނެ ކަމަށާއި ބަޔަކު ހިތްހަމަނުޖެހެއޭ ކިޔާފައި ގާނޫނު ތަންފީޒުނުކޮށް ނުތިބޭނެ ކަމަށެވެ. ޓެކްސީ ޑްރައިވަރުން ވެސް ޖެހޭނީ އެ އޮންނަ އުސޫލުން އަމަލު ކުރުމަށް ކަމަށާއި އެ ނޫން ގޮތަކަށް ސަރުކާރުން އެކަން ދޫކޮށްނުލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވީއައިއޭގެ ޓެކްސީ ކިއުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. އޭގެތެރޭގައި ވަކި މަންޒިލަކަށް ނޫނީ ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުން އެއްބަސްނުވުމާއި ދަތުރު ނެގުމަށްފަހު އެކި ތަންތަނަށް މަޑުކޮށް އެކި ފަސިންޖަރުން އެރުވުމާއި ކަނޑައެޅިފައިވާ އަގަށްް ވުރެ އިތުރަށް ދަތުރުތަކަށް ފައިސާ ނެގުމާއި ޑޮމެސްޓިކް ޓާމިނަލާ ހަމައަށްް ޓެކްސީތައް ނުދިއުން ހިމެނެ އެވެ.
އެއާޕޯޓު ޓެކްސީގެ މައްސަލަ ހައްލުކުރަން ކަމާ ގުޅޭ ދާއިރާތަކުން މަޝްވަރާކޮށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރިވާން ފަށައި ގަވާއިދާ ހިލާފަށް އެއާޕޯޓުގައި ހަރަކާތްތެރިވާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ ގަވާއިދާ ހިލާފަށް ޓެކްސީ ކުރާ ބިދޭސީންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ޓެކްސީ ޑްރައިވަރުން އަމިއްލައަށް އެމީހަކަށް ފެނުނު އަގުތަކެއް ނަގާތީ އެ މައްސަލަ ހަައްލުކުރުމަށް އެފަދަ މައްސަލަ ރިޕޯޓުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކިއުއާރު ކޯޑެއް ތައާރަފުކޮށްފަ އެވެ. މި ކިއުއާރު ކޯޑް މެދުވެރިކޮށް 30 ޝަކުވާ ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ޝަކުވާތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.