ads
އިކޮނޮމިކް މިނިސްޓަރު ސައީދު: ވިދާޅުވީ ޑޮލަރުގެ ކުރިމަތީ ދިވެހި ރުފިޔާއަކީ ބާރު ލިބިގެންވާ ފައިސާއަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް - ފޮޓޯ:އިކޮނޮމިކް މިނިސްޓްރީ
ޑޮލަރު ކުރިމަތީ ރުފިޔާއަކީ ބާރުހުރި ފައިސާއަކަށް ހަދަން މަސައްކަތް ކުރަނީ
ޑޮލަރުގެ ކުރިމަތީ ދިވެހި ރުފިޔާއަކީ ބާރު ލިބިގެންވާ ފައިސާއަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިޔަ ދެ މަޝްރޫއެއް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާ ބާރުވެރިކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ. މިކަން ކުރަނީ ދުނިޔޭގެ ބޮޑެތި މާކެޓުތަކާ ގުޅިގެން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރާއްޖެއަށް ފޮރިން ކަރަންސީ، ފޮރިން އެކްސްޗޭންޖުގައި ހުރި މައްސަލަތައް ހައްލު ކުރެވި، އިރާދަކުރެއްވިއްޔާ ރުފިޔާއަކީ ޑޮލަރުގެ ކުރިމަތީގައި ބާރު ލިބިގެންވާ ކަރަންސީއަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް އެބަކުރަން. އޭގެ ތެރޭގައި ބޮޑެތި މާކެޓުތައް ކަމަށްވާ ޗައިނާ އާއި އިންޑިއާ އާއެކު ވަރަށް ބާރަށް މަސައްކަތް ކުރިއަށް އެބަ ގެންދަން،" ސައީދު ވިދާޅުވި އެވެ.

ސައީދުގެ ވާހަކައިގައި ރާއްޖޭގެ އިގުތިސޯދާއި މާލީ ސިނާއަތް ކުރިއަރުވަން ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރާ ޑިވެލޮޕްމެންޓް ބޭންކް އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ޑިވެލޮޕްމެންޓް ބޭންކާ އެކު ރާއްޖޭގެ ތާރީހު ބަދަލު ކުރެވޭނެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވެފައި ވަނީ ސަރުކާރުގެ އިތުރުން އަމިއްލަ ކުންފުނިތަކާ އެކު ކުރާ މަސައްކަތުން އެ ބޭންކުގައި އިންވެސްޓް ކުރާނެ އިންވެސްޓަރުންގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެެވެ.

މި ހުރިހާ މަސައްކަތެއްގެ ނަތީޖާ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ސައީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް