މިދިޔަ މަހު ބޭއްވި މަޖިލިސް އިންތިހާބުގައި އިތުރު ދައުރަކަށް މަޖިލީހަށް ވާދަކުރައްވައި، ނާކާމިޔާބީ ވެވަޑައިގެންނެވި ޖާބިރު މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި 19 ވަނަ މަޖިލީހުގެ ފަހު ޖަލްސާގައި އޭނާގެ ފަހު ބަސް އިއްވަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާން ރައީސް މުއިއްޒު ވެފައިވާ ވައުދުފުޅު ފުއްދަވައިދެއްވާ ދިވެހިންނަށް މިނިވަންކަން ގެނެސްދެއްވީތީ ޖާބިރު ވަނީ ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވައިފަ އެވެ. ކުރައްވާ ކަންކަމާއި ތަޅުމުގައި ދައްކަވާ ވާހަކަތަކާއި ގުޅިގެން ނިމޭން މިދާ މަޖިލީހުގައި އެންމެ ފާހަގަކޮށްލެވޭ މެންބަރު ޖާބިރު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުއަކީ ކުޅަދާނަ ބަތަލެއްކަން ގަބޫލު ކުރައްވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އަސްލު ބަތަލަކީ ރައީސް މުއިއްޒު ކަމަށް ވިދާޅުވެ ޖާބިރު ވަނީ ރައީސަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފަ އެވެ. އިންޑިއާ ފަދަ ބޮޑު ގައުމަކާއި ގުޅުން ހުރި ބޮޑު މައްސަލައެއް އެހާ ރީތިކޮށް އޮމާންކޮށް ހައްލުކުރެއްވުމުން ރައީސްއަކީ ބަތަލެއްކަން ސާބިތުވެގެންދާ ކަމަށް ޖާބިރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ދިޔަތަން ފެނުމުން އޭނާ އަށް ރޮވުނު ކަމަށެވެ.
ވިހިވަނަ މަޖިލީސް އިންތިހާބު ގައި ވެސް ޖާބިރު ވާދަ ކުރެއްވި އެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ އެމްޑީޕީގެ ޓިކެޓް ގައި މަޖިލީހަށް ވާދަ ކުރެއްވުމަށެވެ. ނަމަވެސް ދީނަށް ފުރައްސާރަ ވާ ގޮތަށް ތަކުރާރު ކޮށް އޭނާ ވާހަކަ ދައްކަވަމުން ގެންދަވާތީ އެމްޑީޕީން ނިންމީ ޖާބިރުގެ އަތުން ޓިކެޓް އަތުލާށެވެ.
އެހެންވެ ދެން ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ލިބިވަޑައިގަތީ ވަރަށް ދަށް ނަތީޖާ އެކެވެ. މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ ދަށުން ބޭއްވި 2009 ގައި ބޭއްވި ފުރަތަމަ މަޖިލިސް އިންތިހާބުގައި ވެސް ކާށިދޫ ދާއިރާގެ މެންބަރުކަން ޖާބިރު ކުރެއްވި އެވެ
އިންޑިއާ ސިފައިން ރާއްޖެއިން ފައިބައިގެން ދިޔަތަން ފެނުމުން ރޮވުނު ކަމަށް ޖާބިރު ވިދާޅުވިއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާނެކަމުގެ ރިޔާސީ ވައުދާ އެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދަން ރަސްމީކޮށް އެ ގައުމުގައި އެދިވަޑައިގެންފަ އެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ފަހު ބެޗު، މިހާރު އަނބުރާ ގައުމަށް ފޮނުވައިލާފައިވާ ކަމަށް ސަރުކާރުން އިއުލާނު ކުރީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ރާއްޖެއިން އަނބުރާ ފޮނުވާލީ އިންޑިއާގެ 76 ސިފައިން ކަމަށާއި އެ މީހުންގެ ބަދަލުގައި، އެ އަދަދަށް މަދަނީން މިހާރު ގެނެސްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.