އެކްތާ އެކަން ހިއްސާކޮށް ބުނީ އޭނާގެ އަހަރު މުސާރަ "ބަލާޖީ ތެެލެފިލްމްސް" ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ނިންމާފައި ވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ގެއްލުން ކުރިމަތިވި ނަމަވެސް އެމީހުންގެ މުސާރައިން ކަނޑަން ބޭނުންނުވާތީ ކަމަށެވެ.
އެކްތާ ބުނީ އެމީހަކަށް ވީވަރަކުން މިދަނޑިވަޅުގައި އެންމެންނަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުން މުހިއްމު ކަމަށެވެ.
އަހަރެއްގެ މައްޗަށް ލިބޭ ކަމަށް އެކްތާ ބުނި މުސާރައަކީ 2.5 ކްރޯޑް ރުޕީސް އެވެ. މިއުނދަގޫ ވަގުތުގައި ވެސް މުވައްޒަފުންގެ މުސާރައިން ކަނޑަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން މި މުސާރަ މި ހޭދަކުރަނީ އެމީހުންގެ ހައްގުގައި ކަަމަށް އެކްތާ ބުންޏެވެ.
އޭގެ އިތުރުން ލޮކްޑައުނެއްގައި އޮތް މިވަގުތުގައި އެންމެން ވެސް ގޭގައި ތިބުމަށާއި ކަމާއި ބެހޭ އިދާރާތަކުން ދެމުން އަންނަ އިރުޝާދުތަކަށް ބޯލެނބުމަށް އޭނާ އެދުނެވެ.
އުމުރުން 44 އަހަރުގެ އެކްތާ އަންނަނީ ޓީވީ ޝޯތަކުގެ އިތުރުން ބޮލީވުޑު ފިލްމުތައް ވެސް އުފައްދަމުންނެވެ. އެގޮތުން އޭނާގެ ކާމިޔާބު ޓީވީ ޝޯތަކަށް ބަލާއިރު ނާގިން އާއި ކަސޯޓީ އަދި ކުމްކުމް ބާގިޔާގެ އިތުރުން ޔޭ ހޭ މޮހައްބަތެއިން ފަދަ ޝޯތައް ހިމެނެ އެވެ.
އޭގެ އިތުރުން އޭނާގެ ބޮލީވުޑު ފިލްމުތަކަށް ބަލާއިރު "ޑްރީމް ގާލް" އާއި "ވީރޭ ދި ވެޑިން" އަދި "އޭކް ވިލަން" އާއި "ޖަޖްމެންޓަލް ހޭ ކިޔާ: ފަދަ ފިލްމުތައް ވެސް ނެރެފައިވެ އެވެ.