އަސްލަމަކީ މަޖިލީހުގައި 19 ވަނަ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރެއިން ބޭފުޅެކެވެ. މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަސްލަމް ވަނީ މަޖިލީހުގައި ހަތަރު ދައުރު ފުރިހަމަ ކުރައްވާފައިފަ އެވެ.
19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މިއަދު ކުރިއަށް ގެންގޮސްފައިވާއިރު މެމްބަރުންނަށް އެންމެ ފަހު ބަސް ވިދާޅުވުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ނިންމަވާލައްވަމުން އަސްލަމް މިއަދު ވިދާޅުވީ މަޖިލީހުން ނުފެނުނު ނަމަވެސް އޭނާ ގަބޫލުކުރައްވާ ސިޔާސީ އިސްލާހީ ހަރަކާތްތަކާއި އިންސާނީ ހައްގުތައް ކުރިއަރުވަން ކުރާ މަސައްކަތްތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އަސްލަމް އެންމެ ފުރަތަމަ އިންތިހާބުވީ 2005 ވަނަ އަހަރު އައްޑު އަތޮޅުގެ މެންބަރެއްގެ ގޮތުގައެވެ. އޭގެފަހުން ފެހި ގާނޫނުއަސާސީގެ ދަށުން އޭނާ މިދިޔަ ތިން ދައުރު އިންތިހާބުވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައެވެ.
މީގެ އިތުރުން އެމްޑީޕީގެ ލީޑާޝިޕުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ވެސް އަސްލަމް ފާހަގަކުރެއްވި އެވެ. އަސްލަމް ވަނީ ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރައްވައިފަ އެވެ. އަދި, މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރުކަން ވެސް އަސްލަމް ކުރެއްވި އެވެ.
މި މަހުގެ 28 ގައި ހުވާ ކުރައްވާ އާ މަޖިލީހަށް، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އެވެ.
20 ވަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުން ހުވާ ކުރާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ. މެމްބަރުން އިންތިހާބުވި 93 ދާއިރާގެ ތެރެއިން 75 ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ސަރުކާރު ހިންގާ ޕީއެންސީންނެވެ.