އެ ކޮމިޝަނުން މިހެން ބުނެފައި މިވަނީ ތަހުގީގުތަކުގެ ރިޕޯޓުތަކާއި ހޯދުންތައް ރައީސް އޮފީހުގެ ހުއްދަ ނެތި އެއްވެސް ބަޔަކާ ހިއްސާ ނުކުރުމަށް ރައީސް އޮފީހުން އަންގާފައިވަނިކޮށެވެ.
ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި އިންސާފު ނުލިބި ތިބި އާއިލާތަކާއި ބައެެއް މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ނެރުނު ބަޔާނެެއްގައި ބުނީ ތަހުގީގުގައި ކޮންމެހެން ރައްކާތެރިކުރަންޖެހޭ މައުލޫމާތުތައް އުނިކުރުމަށްފަހު ތަހުގީގު ރިޕޯޓްތައް އާއިލާތަކާއި ހިއްސާކުރަން ކުރުން ނިންމި ނަމަވެސް އެ ނިންމުން މިހާރު ބަދަލުކޮށްފައިވާކަމަށެވެ.
ރިޕޯޓްތަކުގައި ހިމެނޭ ގިނަ މައުލޫމާތުތަކީ ވަރަށް ސިއްރު މައުލޫމާތުތައްކަމުން އެބައިތައް އުނިކޮށް ރިޕޯޓެއް ތައްޔާރުކުރަމުންދާކަމަށާއި އެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަކީ އަމާޒެއްކަމަށް ކޮމިޝަނުން ބުނެއެވެ. އަދި އެ ރިޕޯޓުތައް އާއިލާތަކަށް ހާމަކުރުމަށް ރައީސްގެ އަރިހުން އެދޭނެ ކަމަށްވެސް މަރު ކޮމިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
ތަހުގީގުގެ ބޭނުމަށް އެއްކުރި ހުރިހާ މައުލޫމާތަކާއި ތަކެއްޗެއް ރައީސް އޮފީހާ ހަވާލުކުރުމަށް ވެސް ކޮމިޝަން ތައްޔާރުވެފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމިޝަން އެކުލަވާލާ ހުރިހާ ރިޕޯޓެއްވެސް ހުށައަޅަންޖެހެނީ ރައީސަށް ކަމަށާއި ތަހުގީގުގެ ބޭނުމަށް އެއްކުރި ހުރިހާ މައުލޫމާތަކާއި ތަކެއްޗެއް ރައީސް އޮފީހާ ހަވާލުކުރުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ.
ވީހާވެސް ހާމަކަން ބޮޑުކޮށް ކޮމިޝަނުގެ ކަންކަން ކުރިއަށް ގެންގޮސް މެންޑޭޓުގައި ކަނޑައަޅާފައިވާ ވަރުގެ ތަހުގީގުތަކެއް ކުރުމަށް ކޮމިޝަނުންނާއި, އެކަމުގައި ބައިވެރިވި ބޭރުގެ ފަރާތްތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ކޮމިޝަންގެ ބަޔާނުގައިވެެއެވެ.
ކޮމިޝަނުން ބެލި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި މިދިޔަ ވެރިކަމުގައި 3 މީހަކު ހައްޔަރުކުރިއެވެ. އެހެންނަމަވެސް މަދަނީ މިންގަނޑުން މައްސަލަތައް ކުރިއަށް ނުގެންދެވޭނެކަމަށް ކޯޓުން ކަނޑައެޅުމުން ވަނީ އެމީހުން މިނިވަންވެފައެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް މިދިޔަ ސަރުކާރުން އެކުލަވާލި ކޮމިޝަންގެ މުއްދަތު މިމަހުގެ 31 ހަމަވާނެއެވެ.