ލޫދިފާގެ ފޭނުންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ހަބަރެކެވެ. 2011 ވަނަ އަހަރުގެ ފެބްރުއަރީ 13 ވަނަ ދުވަހުން ފަށައިގެން ލޫދިފާގެ ފޭނުން ކުރަމުން އަންނަ 11 އަހަރުގެ ދިގު އިންތިޒާރު ނިމުމަކަށް އަންނާނީއެވެ. މި އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހަކީ އެ ދުވަހެވެ. "ލޫދިފާ" ގެ ޓީމުގެ ފިލްމެއް އަނެއްކާވެސް ސިނަމާއަށް އަންނަނީއެވެ. "ލޫދިފާ" ގެ ޕްރޮޑަކްޝަން ޓީމުން އަންނަނީ ދިވެހިރާއްޖޭގެ ސިނަމާގެ ތާރީހު ބަދަލުކޮށްލުމަށް ތައްޔާރުވަމުންނެވެ.
މިގޮތުން ލޫދިފާގެ ޕްރޮޑަކްޝަން ޓީމީހުގެ އެންމެ މުހިންމު ތިން ބައިވެރިންކަމަވާ، ޕްރޮޑިއުސަރު، ހަސަން ނޫރައްދީން (ނޫރު) އާއި، ރާއްޖޭގެ ފިލްމު އިންޑަސްޓްރީ ބަދަލުކޮށްލި ޑައިރެކްޓަރު މޫމިން ފުވާދު، އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަންނަނީ "އަބަދަށް" ނަމުގައި ފިލްމެއް ތައްޔާރުކުރަމުންނެވެ.
މި ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތް މިހާރު ކުރަމުން އަންނައިރު، ފިލްމު ބަލައިލުމަށް ހޭދަކުރާ ދެ ގަޑީރެއްހާއިރު ނިންމައިލުމަށްފަހު "މިއީ ހާދަ ނުބައި ކޮފީއެކޭ" ނުބުނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ނޫރަށް އެބައޮތެވެ. ސަބަބެެއް ނެތިއެއްވެސް ނޫނެވެ.
މި ފިލްމުގެ މުގުލުގައި އޮތީ މީގެ 13 އަހަރު ކުރުން ދިވެހިރާއްޖޭގެ މުޅި ފިލްމު އިންޑަސްޓްރީއަށް އިންގިލާބެއް ގެނައި "ލޫދިފާ"ގެ ޕްރޮޑަކްޝަން ޓީމެވެ. މިކަމުގެ އެންމެ ބޮޑު ޔަގީންކަމެއް އުފެދޭ އެއް ސަބަބަކީ ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓުކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުރި އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ މޫމިން ފުވާދު ކަމުގައިވާތީއެވެ.
ނޫރު ބުނީ ލޫދިފާއަކީ މިހާތަނަށް ދިވެހިރާއްޖޭގައި އެޅުވުނު އެންމެ ދިގު ފިލްމު ނަމަވެސް، އެ ފިލްމު ބަލައިގެން ނުކުން މީހުންނަށް ވެސް ފިލްމު ދިގު ކަމުގެ އިހުސާސް ނުކުރެވޭ ކަމަށެވެ. ނަމަވެސް އެ ޓީމުން އޭގެ 13 އަހަރު ފަހުން ނެރޭ "އަބަދަށް" ފިލްމު ލޫދިފާހައި ދިގު ނުވާނެކަމަށް ނޫރު ބުންޏެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން ޑިޒައިނަރު ކޮޕީ އިއްސެ އަށް ވެސް އޮތީ ހަމަ މި ޔަގީންކަމެވެ. އެއީ މި ފިލްމަކީ މޫމިން ފުވާދު ޑައިރެކްޓުރާ ފިލްމަކަށްވެފައި، މޫމިންގެ ވާހައަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމަކަށް ވާތީއެވެ.
ފިލްމުގެ ރޯލަކުން މަޝްހޫރު ތަރި ޔޫސުފް ޝަފީއު ޔޫއްޕެވެސް ފެންނައިރު، ޔޫޕެވެސް ފިލްމުކުޅެން އެއްބަސްވީ މޫމިންގެ ފިލްމަކަށް ވާތީކަމަށް ކޮޕީ އިއްސެވެސް ބުންޏެވެ.
ކޮޕީ އިއްސެ ބުނީ ފިލްމުން ފެންނާނީ އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ނަމަވެސް، މިއީވެސް ވެދާނެ ގޮތެއްކަން ފިލްމު ބަލައިލުމުން އެނގޭނެކަމަށެވެ.
ފިލްމުގެ ލިޔެ ޑަރިރެކްޓުކުރި މޫމިން ފުވާދުއާއިވެސް ވާހަކަ ދައްކައިލުމުން އޭނާ ބުނީ މި ފިލްމު ބަލަންޖެހޭނެ އެންމެ ބޮޑު ސަބަބަކީ މި ވާހައަކީ ދިވެހި ރާއްޖޭގެ މުޖުތަމައުގެ ތެރޭން އުފެދިގެން އައި ވާހަކައެއް ކަމަށާއި، އަދި ބަރާބަރަށް މުޖުތަމައުއަށް "ފިޓްވާނެ" ވާހައެއް ކަމަށެވެ.
މި ފިލްމުގައި ވަރަށް "ސަޅި ރޯލަކުން" މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ފެންނައިރު، ފިލްމުން ވާޝިޔާ، ޝާރިފް، ސޫޒަން ފަދަ މަގުބޫލު ތަރިން ވެސް ފެންނާނެއެވެ.
މި ފިލްމުކުޅެން ޔޫއްޕެ ވެސް އެއްބަވީ "މޫމިން ސަކަރާތް އެއްޗެއް ނުހަދާނެކަން ގެރެންޓީވާތީ" ކަމަށް މުޅި ފިލްމުގެ ޕްރޮޑަކްޝަން ޑިޒައިން ކުރި ކޮޕީ އިއްސެ ވެސް ބުންޏެވެ.
ކޮޕީ އިއްސެ ބުނީ ފިލްމުގައި ޓެކްނިކަލް ސައިޑުގައި މަސައްކަތް ކުރި ޓީމުން ވެސް އަމިއްލަ މަސައްކަތްތަށްވެރު ފިލްމަށް އިސްކަން ދިނީ ފިލްމު ފުރިހަމަކަމުންކަމަށެވެ.
ފިލްމުގެ ޕްރޮޑަކްޝަން ޓީމާއި ވާހަކަ ދައްކާލުމުން ޔަގީންވީ މީ އަނެއްކާ ވެސް ދިވެހި ފިލްމު އިންޑަސްޓްރީ "ރެވޮލިއުޝަނައިޒް" ނުވަތަ އިންގިލާބެއް ގެންނާނެ ފިލްމެއް ކަމެވެ. މި ފިލްމަކީ "ލޫދިފާ" ގޮތަށް ރާއްޖޭގެ ޒުވާނުންނާއި ދިވެހި ފިލްމަށް ލޯބިކުރާ އެންމެން ބަލައިގަންނާނެ ފިލްމަކަށް ވާނެކަމާމެދު ޝައްކެތް ނެތްކަމެވެ.