ads
ނިކީ މެހެރާ - ފޮޓޯ:އެމްއެމްޕީއާރުސީ
މަޝްހޫރު ޓްރެވަލް ކޮންޓެންޓް ކްރިއޭޓާ ނިކީ މެހެރާ ރާއްޖެ ޕްރޮމޯޓްކޮށްފި
އިންޑިއާގެ މަޝްހޫރު އިންފްލުއެންސާ، މޮޑެލް އަދި ކޮންޓެންޓް ޓްރެވެލް ކްރިއޭޓާ ނިކީ މެހެރާ ރާއްޖެ ޕްރޮމޯޓްކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ އިންޑިއާގެ މަތީ ފަންތީގެ އިންފްލުއެންސަ ނިކީ މެހެރާއަށް ހާއްސަކޮށްގެން މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން ހަވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ލަގްޒަރީ އަދި ރޮމޭންޓިކް ހުށަހެޅުންތައް ތަޖުރިބާ ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ފެމިލިއަލައިޒޭޝަން ދަތުރެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި ދަތުރުގައި ނިކީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެ އިޝްތިހާރުކޮށްފައިވާއިރު، ރާއްޖޭން ތަޖުރިބާ ކުރެވިދާނެ އިތުރު ކަންކަމުގެ މައްޗަށް ނިކީ ވަނީ އަލިއަޅުވާލާވާފަ އެވެ.

މި އިންފްލުއެންސަގެ ދަތުރުގައި އެމްއެމްޕީއާރުސީގެ ލަގްޒަރީ ޓްރެވަލް ސެގްމަންޓާއި ހަނީމޫން މާކެޓުގައި ކުރިއެރުން ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. ހަމަ އެއާއެކު ރާއްޖެއަކީ އިންޑިއާގެ ދަތުރުވެރިންނަށް އެންމެ ބޮޑު ހަނީމޫން ޑެސްޓިނޭޝަނެއްގެ ގޮތުގައި މި ދަތުރުގައި ދައްކައިދީފައިވާ ކަމަށް ވެސް އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފަ އެވެ. 

އިންޑިއާގެ މާކެޓަކީ ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް މުހިންމު މާކެޓަކަށްވެފައި މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް 46,970 ޓޫރިސްޓުންނާ އެކު މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގައި އޮތީ އިންޑިއާ އެވެ.

ނިކީ މެހެރާއަކީ އާދަޔާ ހިލާފު ތަފާތު ސްޓައިލާ އެކު، އިންޑިއާގެ ފެޝަން އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. ބައި މިލިއަނަށް ވުރެ ގިނަ މީހުން ނިކީގެ ސޯޝަލް މީޑިއާ ފޮލޯކުރާއިރު، އޭނާ ވަނީ ސަނީ ސައިޑް އޮފް ލައިފްގައި ހޭދަކުރި ދުވަސްތަކުގައި އޭނާގެ ސޯޝަލް މީޑިއާގައި ރާއްޖޭގައި ހޭދަކުރި ލަގްޒަރީ ތަންތަނާއި ރޮމޭންޓިކް މަންޒިލްތައް ހިއްސާކޮށްފަ އެވެ.

އެމްއެމްޕީއާރުސީން ވަނީ މި އަހަރުގެ ކުރީކޮޅު ބޭއްވި އޯޓީއެމް އަދި ސަޓޭގައި ރާއްޖެ ތަމްސީލުކޮށްފަ އެވެ. އެމްއެމްޕީއާރުސީއަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އެކަން ހާސިލު ކުރުމަށް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އޭގެ ތެރޭގައި ޖޮއިންޓް ކެމްޕެއިންތަކާއި ފެމިލިއަލައިޒޭޝަން ދަތުރުތަކާއި ބޮޑެތި އިވެންޓްތަކުގައި ބައިވެރިވުމުގެ އިތުރުން އެހެނިހެން ކެމްޕެއިންތައް ވެސް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް