އުމުރުން 15 އަހަރުގެ ދީމާއަކީ، ކޮލިފައިން މަރުހަލާއެއް ކާމިޔާބުކޮށް އޮލިމްޕިކްސް ގޭމްސް އަކުން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ. އޭނާ ވާނީ އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިންގެ ފައިނަލްގައި ލަންކާގެ ބިމަންދީ ބަންޑަރާއާ ދެކޮޅަށް މިއަދު ކުޅުނު މެޗު ދީމާ ކާމިޔާބު ކުރީ 4-1 އިންނެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް ދީމާ ވަނީ ބިމަންދީގެ މައްޗަށް 4-3 ގޭމުން ކާމިޔާބު ހޯދައިފަ އެވެ.
ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ދިވެހި ކުޅިވަރަށް ތާރީހީ ދުވަހެއް ކަމަށާއި ޓޭބަލް ޓެނިހުން ދީމާ ހޯދަމުންދާ ކާމިޔާބީތަކާ އެކު މުޅި ގައުމު ފަހުރުވެރިކޮށްދީފައިވާ ކަމަށެވެ. އަދި ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގައި ދީމާ އަށް ކާމިޔާބީ އަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުވެސް ވަނީ ދީމާ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ.
ނައިބު ރައީސް ވިދާޅުވީ ގައުމަށް ލިބުނު މި ފަޚުރުވެރި ކާމިޔާބީއަކީ ދީމާއާއި އާއިލާގެ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ކުރި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާކަމަށެވެ.
ދީމާ ހޯދި ކާމިޔާބީއާއި ގުޅިގެން ފޮރިން މިނިސްޓަރު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ކަތަމަންޑޫގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް އިން އެއްވަނަ ހޯދާ ޕެރިސްގައި އޮންނަ އޮލިމްޕިކްސް 2024 އަށް ކޮލިފައިވެފައިވާތީ ދީމާ އަށް މަރުހަބާ ކިޔާ ކަމަށާއި ދީމާ އަކީ ދިވެހި ތާރީހުގައި ވެސް އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓުކަން ފާހަގަކޮށް ދިވެހި ގައުމު ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
ކޮލިފިކޭޝަން ކާމިޔާބުކުރުމާ އެކު, ދީމާ އަށް މި އަންނަ ޖުލައި މަހު ޕެރިސްގައި ފަށާ އޮލިމްޕިކްސް ގޭމްސް އިން ފުރުސަތު ލިބިގެންދާނެ އެވެ.
ދީމާ އަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. އަދި މިދިިޔަ ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމްގެ ތެރެއިން ވެސް ދީމާ އަށް ޓްރެއިނިންގެ ފުރުސަތުތައް ދީފައިވެ އެވެ.
ރާއްޖޭގެ ތާރީހުގައި ކޮލިފައި ވެގެން އޮލިމްޕިކްސްގައި ވާދަ ކުރާނެ ފުރަތަމަ ކުޅުންތެރިޔާ އަށް ދީމާ ވެގެން ގޮސްފައިވާއިރު، ދީމާ ވަނީ ރާއްޖެއާއި ބޭރުގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ގިނަ ރަންވަނަ ތަކެއް ހޯދާފަ އެވެ.