ހެލްތު މިނިސްޓްރީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލު ވިދާޅުވީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ފެށުނު ހިސާބުން މިއަދާ ހަމައަށް ކުރެވުނު 148 ދަތުރުގައި 192 ބަލި މީހަކު އިވެކުއޭޓް ކުރެވިފައިވާ ކަމަށެވެ. ބައެއް ދަތުރުތަކުގައި ދެ ބަލިމީހުން ނޫނީ ތިން ބަލިމީހުން އުފުލިފައިވާ ކަމަށް ހަލީލު ވިދާޅުވި އެވެ.
ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން ވައިގެ މަގުން އުފުލުމަށް ހާއްސަ މަތިންދާ ބޯޓު، އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ. ކުއްލި ފަރުވާ ދެވޭނެ އިންތިޒާމުތަކާ އެކު މި ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފަ އެވެ.
މެޑިކަލް އެމްބިއުލާންސްގެ ހިދުމަތަށް އިތުރުކުރި ސީ ޕްލޭންގެ ހިދުމަތް އެޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދޭން ފެށިއިރު ހިދުމަތުގައި ބޭނުން ކުރަނީ ޑީއެވްސީ-6 ޓްވިން އޮޓާއެކެވެ. މި ބޯޓު ބޭނުން ކުރަން ހަމަޖެހިފައި ވަނީ އެއާޕޯޓު ނެތް ރަށްރަށުން ބަލިމީހުން އުފުލުމަށެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ހިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެ ކަމުގަ އެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ވެސް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރުމާއި އެ ހިދުމަތް ފުޅާ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.