
އޭސީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރު އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ 50,370,512.75 ރުފިޔާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަން ޖެހޭ ފައިސާ ހޯދުމުގެ މަސްއޫލިއްޔަތު އޮންނަނީ އެ ކޮމިޝަނުގައި ނޫންކަން ފާހަގަކޮށް، އޭސީސީން ބުނެފައި ވަނީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިއްޖެނަމަ އެ ފައިސާއެއް ދައުލަތަށް ހޯދުމަށް އެކަމުގެ ޒިންމާ އޮންނަ ފަރާތަކަށް އެ ކޮމިޝަނުން އަންގަމުން ގެންދާ ކަަމަށެވެ.
އެ ކޮމިޝަނުން މިދިޔަ އަހަރު ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއްގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދަން ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން ބުނި ގޮތުގައި ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާ، އަނބުރާ ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނިޓަކުރުމަށް 2022 ވަނަ އަހަރު އެކަމަށް ހާއްސަ ނިޒާމެއް އެ ކޮމިޝަނުގައި ގާއިމުކޮށްފައިވާ ކަމުގަ އެވެ.
އެ ނިޒާމުގެ ތެރެއިން އިދާރާތަކުން އަމަލުކޮށްފައިވާ މިންވަރު ބެލިބެލުމުގައި، ދައުލަތުގެ އިދާރާތަކުން މި ކަމުގައި އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.