މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ސިފައިންނާއި އާރުޑީސީގެ ގުޅިގެން ކުރިޔަށް ގެންދާ މަޝްރޫއު ފެށީ މިމަހުގެ 9 ވަނަދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން ފުރަތަމަ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން ނިންމާފައި ވަނީ ވެސްޓް ޕާކު ސަރަހައްދުގައިކަމަށް އާރުޑީސީން ވަނީ ބުނެއެވެ. މި މަސައްކަތް ސިފައިންނާއި އާރްޑީސީއިން ކުރިއަށް ގެންދަނީ ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުން ހިލޭ މަސައްކަތް ކުރާ ގޮތަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގައި ގާއިމު ކުރެވޭ ކަލެކްޝަން ޓޭންކުގެ ކޮންކްރީޓް މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަދި މަސައްކަތް ހިގަމުންދާ ސަރަހައްދުގައި ޓެރްފިކް ފްލޯއަށް ގެންނަން ޖެހޭ ބަދަލު ކަމާއި ގުޅޭ ދައިރާތަކާއި މަޝްވަރާކޮށް އެ ބަދަލުތައް ގެންނަމުންދާކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.
މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު ފައްޓަވާ ދެއްވަމުން މީޑިއާތަކަށް ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ވެސްޓް ޕާކް ސަރަހައްދުގައި ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ މި މަޝްރޫއުގެ ދަށުން ގިނަވެގެން ދެ ހަފްތާ ތެރޭގައި ހައްލުކޮށް ނިންމާލެވޭނެ ކަމަށެވެ.
ވެރިރަށް މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ އެންމެ އަވަހަށް ފެންބޮޑުވާ ސަރަހައްދުގެ ތެރޭގައި ވެސްޓް ޕާކު ހުންނަ ސަރަހައްދު ހިމެނެ އެވެ.