ads
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމާނިޔަމް ޖައިޝަންކަރާ ބައްދަލު ކުރައްވަނީ ފޮޓޯ/ޒަމީރު، އެކްސް
ރާއްޖެއާ އޮތް ނުތަނަސްކަން މިހާރު ކުޑަވެއްޖެ: ޖެއިޝަންކަރް
މި ފަހުން ރާއްޖެއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އެއްކޮށް ނައްތައިލެވޭނެކަމުގެ އުންމީދު ބޮޑު ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖެއިޝަންކަރް ވިދާޅުވެއްޖެ އެވެ.
Advertisement

ޖަޔަޝަންކަރު މިހެން ވިދާޅުވީ އިންޑިއާގެ އިގުތިސޯދީ ކުރިމަގާ ގުޅޭގޮތުން ކޮންމެ އަހަރަކު ބާއްވާ ސީއައިއައި އެނުއަލް ބިޒްނަސް ސަމިޓްގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެ އިން އަބަދު ވެސް އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ އެންމެ އަވައްޓެރި ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ އިންޑިއާއާ އެކީ އޮތް ގުޅުމަށް ބުރޫތަކެއް އެރީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް ހިސާބުންނެވެ. އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ނިންމުމުގެ އިތުރަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކަކާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑު ނުތަނަސްކަމެއް ވެރިވި އެވެ.

މިކަމާ ހެދި އިންޑިއާގެ ޓޫރިސްޓުން ރާއްޖެ ނުދާން ގޮވާލައި އިންޑިއާގައި އެންޓި-ކެމްޕޭންތަކެއް ވެސް ކޮށްފައިވެ އެވެ.

އިންޑިއާގައި ބޭއްވި ފޯރަމެއްގައި އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް "ވަރަށް ބަރާބަރަށް" ކުރިއަށްދާ ކަމަށެވެ. އެ ގައުމުން ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި މިދިޔަ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަ މާލެ ބުރިޖު ހިމެނެ އެވެ.

"ޔަގީނުން ވެސް ސިޔާސީ ބައެއް ނުތަނަވަސްކަން [ދެ ގައުމުގެ މެދުގައި] އެބަހުރި. އެކަމަކު، އެކަން ހައްލުކުރެވޭނެކަމާ މެދު އުންމީދު އެބައޮތް," ތަޖުރިބާކާރު ޑިޕްލޮމެޓް ޖައިޝަންކަރު އިނގިރޭސި ބަހުން ވިދާޅުވި އެވެ.

ފޮރިން ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޖަޔަޝަންކަރާ ބައްދަލުކުރައްވައި އިންޑިއާ ސަރުކާރުގެ ލޯނު އެހީއާއި ހިލޭ އެހީގައި ރާއްޖޭގައި ފަށާފައިވާ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ އިންޑިއާގެ އެހީގައި ހިންގާ ބައެއް މަޝްރޫއުތައް މަޑުޖެހިފައިވާތީ އެ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމާ، އޭގެ ފައިދާ ރައްޔިތުންނަށް އަވަހަށް ލިބޭނެ ގޮތް ހެދުމަށް ކަމަށް ސަރުކާރުން ވިދާޅުވެ އެވެ.

މި ބައްދަލުކުރެއްވުމަށްފަހު އިންޑިއާ ސަރުކާރުން ވަނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ރާއްޖެއަށް ދީފައިވާ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ލުއި ގޮތްތަކެއްވެސް ހަމަޖައްސައިދީފަ އެވެ. އެގޮތުން، މި މަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް އެ ގައުމުގެ ސަރުކާރުން ވަނީ ދެއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ވެސް ޒަމީރު މީގެ ކުރިން ވަނީ ދެއްވައިފަ އެވެ.  



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް