މިދިޔަ ބުރާސްފަތިން ފެށިގެން އަންނަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހަދެއްގައި ވައިގަދަވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށްް މޫސުމާއި ބެހޭ ގައުމީ އިދާރާއިންވެސް ވަނީ އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމްގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ މުޅި ރާއްޖެއަށް ވައިގަދަވާނެކަމަށެވެ.
އާއްމުގޮތެއް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލަށް ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެެއް ރަށްރަށަށް އުދަައިގެ އަސަރުކުރާނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.