ރައީސް މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ދިވެހިވަންތަކަން ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށެވެ.
އާސާރީ ތަރިކަތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ހާއްސަ ވުޒާރާއެއް އުފައްދައިފަ އެވެ.
އަދި ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އެ ވުޒާރާއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒެއް އުފެއްދެވުމާއި ދިވެހި މާއްދީ ތަރަކައިގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރަމުންދާ މަސައްކަތްތައް ހިމެނެއެވެ.