ޑިފެންސް މިނިސްޓްރީން މި މަހުގެ 16 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާގައި ބުނީ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމުގެ ފަސްވަނަ އެޑިޝަންގައި ކަނޑައަޅާފައިވާ ގޮތުން ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުން ފުރާ މަދަނީ ވައިގެ އުޅަނދުފަހަރުގެ ތެރެއިން ބޭރު ގައުމުތަކުގެ އުޅަނދުފަހަރާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އުޅަނދުފަހަރުތަކަށް އެރުވުން މަނާ ތަކެތީގެ މިންގަނޑުތައް ތަފާތު ކޮށްފައި ނުވާ ކަމަށެވެ.
ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމުގެ ފަސްވަނަ އެޑިޝަންގެ އެޕެންޑިކްސް ހަތަރެއްގެ 2.4 އަދި 2.5 ގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ.
އަތްދަބަހުގައި ގެންދެވޭނީ:
- ދިޔާތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރު 100 އެމްއެލް އަށް ވުރެ ބޮޑުނުވުން
- ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލްގެ 10 ކޮންޓެއިނަރު
- ދަތުރު މަތީގައި ބޭނުންވާ ވަރަށް ކުޑަކުދިންގެ ދިޔާ ކާނާ އަދި ޑޮކްޓަރީ ބޭސް (ބޭސް ސިޓީ އާއެކު ގެންދެވޭނެ)
ޑިފެންސް މިނިސްޓްރީން ވަނީ އެތެރޭގެ އުދުހުންތަކުގައި ދަތުރު ކުރުމަށް ޓިކެޓު ދޫކުރާއިރު ފަސިންޖަރުންނަށް މި ކަމާ ގުޅޭ މައުލޫމާތު ދިނުމަށާއި މަދަނީ ވައިގެ ބަނދަރުތަކުގައި ފުރާ ފަސިންޖަރުންނަށް ފެންނާނެ ގޮތަށް ސައިނޭޖު ޖެހުމަށާއި އެނައުންސްމެންޓް ދިނުމަށް ވައިގެ ބަނދަރުތައް އޮޕަރޭޓްކުރާ ފަރާތްތަކަށް އަންގާފަ އެވެ.
މީގެ އިތުރުން އެއްވެސް ފަސިންޖަރަކަށް ތަފާތުކުރުމެއް ނެތި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން މިކަން ތަންފީޒު ކުރާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީގެ ސާކިއުލާގައިވެ އެވެ.