ގޫގުލް އިން ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޒޭޝަންއަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރާށެވެ.
ގޫގުލްގެ ނިންމުމާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެއީ ރާއްޖޭގެ އިންވެސްޓަރުންނާ ރައްޓެހި މާހައުލަށް އިތުބާރު އޮތް މިންވަރު ދައްކުވައިދޭ ނިންމުމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއަކީ، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ޑިޖިޓަލް ގޮތުން ބާރުވެރި އިގުތިސާދަކަށް ހެދުމަށް ކުރާ މަސައްކަތަށް ލިބޭ ބާރެއް ކަމަށެވެ. އަދި ރާއްޖެ އޮތީ، ބައިނަލްއަގުވާމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކުރިއެރުމުވުމުގައި މުހިންމު ދައުރެއް އަދާކުރަން ތައްޔާރަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ނިންމުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި، ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށް ފަހު ކުރިއަށް ގެންދަން ނިންމި މަޝްރޫއުއެއް ކަމަށެވެ.
މިނިސްޓްރީން ބުނީ ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރަން ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެ ކަމަށާއި އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި، ޓެކްނޮލޮޖީ ސްޓާޓް-އަޕްސް ފަދަ ދާއިރާތައް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދޭ ކަމަށެވެ.
މި މަޝްރޫއަކީ އިގުތިސޯދު ސިންދަފާތުކޮށް، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެއް ކަމަށް ވެސް މިނިސްޓްރީން ދެކެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި އިންގިލާބީ މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކާމިޔާބުކަމާ އެކު ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިދެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.