ads
ތިލަފުށީ ދެވަނަ ފިޔަވަހިން ހިއްކާފައިވާ ސަރަހައްދު
ތިލަފުށިން ބިން ގަތް މީހުން އަތުން ފައިސާ ނަގަން ފަށަނީ
ތިލަފުށީ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ގަނެ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތައް އަތުން ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަން ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފި އެވެ.

ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް އެޗްޑީސީން ނިންމީ މީގެ ދެ ހަފްތާ ކުރިންނެވެ.

މި މަޝްރޫއިން ބިން ގަނެ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކާއި ގުޅައިގެން "މައިލްސްޓޯން 1"ގެ ފައިސާ ނެގުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށީގެ 2 ވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެހިފައި ވަނީ ތިލަފުށީ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ. ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހުޅުވާލި ފުރުސަތުގައި ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށިން ޖުމްލަ 108 ބިން ވިއްކުމަށް ކަނޑައަޅާފައިވެއެވެ.

އެއީ 2000 އަކަފޫޓާއި 4900 އަކަފޫޓާ ދެމެދުގެ 64 ބިމާއި، 5000 އަކަފޫޓާއި 9999 އަކަފޫޓާ ދެމެދުގެ 42 ބިން އަދި 10،000 އަކަފޫޓާއި 14،999 އަކަފޫޓާ ދެމެދުގެ ދެ ބިމެވެ.

އެޗްޑީސީން ބުނި ގޮތުގައި ތިލަފުށި ފޭސް 2 އޭރިއާގެ ބީގެ ބިން ހިއްކުމާއި އަތިރިމަރި ރައްކާތެރި ކުރުމުގެ ޕްރޮޖެކްޓްގެ 29 އިންސައްތަ ވަނީ ފުރިހަމަ ކުރެވިފަ އެވެ.

އެހެންކަމުން މި މަޝްރޫއިން ބިން ގަނެ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކާއި ގުޅައިގެން "މައިލްސްޓޯން 1"ގެ ފައިސާ ނެގުމުގެ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް އެކުންފިނިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް