ads
ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކަނދުފަތި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދަނީ - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
އޮޔާދާ ކަނދުފަތީގެ މަސްވެރިކަން ރެގިއުލޭޓްކުރުމާ ބެހޭ ގަރާރު ފާސްކޮށްފި
ރާއްޖޭން ކޯ-ސްޕޮންސާކުރި އޮޔާދާ ކަނދުފަތީގެ މަސްވެރިކަން ރެގިއުލޭޓް ކުރުމާ ބެހޭ ގަރާރު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުން ފާސްކޮށްފި އެވެ.
Advertisement

އައިއޯސީޓީގެ 28 ވަނަ ބައްދަލުވުމުގައި މި ގަރާރު ފާސްކުރިއިރު، ފިޝަރީޒް މިނިސްޓްރީން ވަނީ ބައިވެރިވެފަ އެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި މި ގަރާރު ފާސް ކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރުވެފައިވާ ކަމުގަ އެވެ.

އިންޑިއާ ކަނޑުގައި އޮޔާދާ ކަނދުފަތީގެ މަސްވެރިކަން ރެގިއުލޭޓް ކުރަން ވަކި ގަވާއިދެއް ހެދިފައެއް ނުވެ އެވެ. ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރާ އުޅަނދުތަކުން މަސް އެއްކުރަން އޮޔާދާ ކަނދުފަތި އިންޑިއާ ކަނޑަށް ދޫކުރުމުގެ ސަބަބުން ރާއްޖެ ސަރަހައްދަށް މަސް ވަންނަ ވަރު މަދުވެ އެވެ. އަދި ކުދި މަސް ހިފޭ މިންވަރު އިތުރުވެ އެވެ. އެކަމުން މަހުގެ ސްޓޮކަށް ކުރާ އަސަރު ބޮޑުވެ އެވެ. މި ގަރާރު ފާސް ކުރުމުން އެ ކަންކަމަށް ހައްލު ލިބޭނެ އެވެ.

މީގެ ކުރިން ދާ ޖަހައިގެން މަސްވެރިކަން ކުރާ އުޅަނދުތަކަށް 280 ކަނދުފަތި ދޫކުރެވުނު ނަމަވެސް، މި ގަރާރާ އެކު ދެން ދޫކުރެވޭނީ 220 ކަނދުފައްޗެވެ. މި ގަރާރުގެ ސަބަބުން އިންޑިއާ ކަނޑުގައި މަދުވަމުން އަންނަ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް އިތުރުވުމަށް އެހީވުމާއި އޮޔާދާ ކަނދުފަތި މަދުވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ މަހުގެ އަދަދު އިތުރުވާނެ އެވެ.

ރާއްޖޭން ކޯ-ސްޕޮންސާކުރި މި ގަރާރު ހުށަހަޅާފައި ވަނީ އިންޑޮނޭޝިއާ އާއި ސައުތު އެފްރިކާ އަދި ޕާކިސްތާން ގުޅިގެންނެވެ. ގަރާރު ފާސްކުރީ ޔޫރަޕްގެ ގައުމުތައް ވެސް ބައިވެރިވެގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް