ads
ތިލަމާލެ ބްރިޖު އަޅަން ޖަހާފައިވާ ތަނބެއް.-- ފޮޓޯ: މުހައްމަދު ނާޝިދު
ތިލަމާލެ ބްރިޖުގެ 37 ޕަސެންޓް މަސައްކަތް ނިމިއްޖެ
މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވައި އަޅަން ނިންމާފައިވާ ތިލަ-މާލެ ބްރިޖު މަޝްރޫގެ 37.71 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.

މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުއަކީ ނިމުނު ސަރުކާރުން ކުރިއަށްގެންދަން ނިންމި އެންމެ ބޮޑު ޕްރޮޖެކްޓެވެ. ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ދައުރު ނިމެން އަހަރަކަށްވެފައިވަނިކޮށެވެ. އޭރު ސަރުކާރުން ބުނަމުންދިޔައީ ދައުރު ނިމުމުގެ ކުރިން ވިލިމާލެއާ ހަމައަށް ގުޅާލުމުގެ މަސައްކަތް މުޅިން ނިމި އަދި މުޅި މަޝްރޫއުގެވެސް ބޮޑު ބައެއް ނިންމާނެކަމަށެވެ.


ކުރީގެ ސަރުކާރުން މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށީ ގުޅުވާލާ ބްރިޖުގެ އެއްބަސްވުމުގައި 16 ސެޕްޓެމްބަރު 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް 17 މެއި 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް ދައުރު ނިމުނުއިރު މުޅި މަޝްރޫއުގެ ނިމިފައިވަނީ އެންމެ 28 ޕަސެންޓް މަސައްކަތެވެ. އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، 16 ނޮވެމްބަރު 2023 ގައި އެ އެއްބަސްވުމުގެ މުއްދަތު 30 ސެޕްޓެމްބަރު 2026 އަށް އިތުރުކުރި އެވެ.

your imageތިލަމާލެ ބްރިޖު އަޅަން ޖަހާފައިވާ ތަނބެއް.-- ފޮޓޯ: މުހައްމަދު ނާޝިދު

އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭދުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ބްރިޖްގެ 9 ޕަސެންޓް މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 37.71 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާ ސަރުކާރު އައިސް އެންމެ އިސްކަން ދެއްވި އެއް މަސައްކަތަކީ މަޝްރޫއު ލަސްވާ ސަބަބުތައް ދެނެގަނެ، ބްރިޖް މަޝްރޫއުގެ މަސައްކަތް ހަލުވިކުރުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ފަހަރެއްގެ މަތިން ވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ވަޑައިގެން އަމަލީގޮތުން މަސައްކަތްތައް ބައްލަވާލައްވާފަ އެވެ. އަދި އެ ޕްރޮޖެކްޓް ކުރިއަށްގެންދާ އިންޑިއާގެ ކުންފުންޏާ އަދި ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރައްވާ ޕްރޮޖެކްޓްގެ މަސައްކަތްތައް ފަހަތަށްނުޖެހި އަވަސްކުރުމަށް ވަނީ އަންގަވާފަ އެވެ.

ބްރިޖުގެ ގުޅިފަޅު 1 އިން ގުޅިފަޅު 2 އަށް ގުޅާލަނީ ހައިވޭ މަގަކުންނެވެ. އެ މަގު ހެދުމަށް ބޭނުންވާ ސަރަހައްދު މިހާރު ވަނީ ހިއްކައި ނިމިފަ އެވެ. އަދި ތިލަފުށީގެ ބްރިޖު ސަރަހައްދަށް ބޭނުންވާ އިތުރު ބައެއް ވެސް އެ ސަރަހައްދުގެ ފަޅުން ވަނީ ހިއްކައި ނިމިފަ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް