
މާލެ ސަރަހައްދުގައި ހޮސްޕިޓަލަށް ދާ މީހުން ދިޔުން މަދު ކުރުމަށް މިދިޔަ މަހު ކްލިނިކްތައް ހުޅުވިއިރު ބައެއް މީހުންގެ ޝަކުވާއަކަށްވީ ކްލިނިކް ތަކުގައި، ހާއްސަކޮށް ސެނަހިޔާ ކްލިނިކުގައި، ކިޔު ބޮޑުވެ، މީހުން ދައްކަން ހުންނަ ތަނުގައި ތޮއްޖެހޭގޮތް ވުމެވެ.
ސެނަހިޔާ ކްލިނިކަކީ ރޯގާގެ އަލާމާތެއް ހުރި ނަމަވެސް ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި ނުވާ ފަރާތްތައް ދިޔުމަށް ހަމަޖައްސާފައިވާ ކްލިނިކެވެ.
މިކްލިނިކް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ރޭގަނޑު 10:00 އާއި ދޭތެރޭ ހުޅުވާފައި ހުންނައިރު ކޮންމެ ވަގުތެއްގައިވެސް ކިޔު އޮތް މިންވަރު މި ލިންކުން portal.senahiya.mv/sq/10 ބެލޭނެ އެވެ.
ސެނަހިޔާ ކްލިނިކަށް ދާއިރު، ބޭރު ގޭޓުގައި "ފްލޫ ކްލިނިކް" ޖަހާފައިވާ ރީނދޫ ކުލައިގެ ބޯޑަކުން ކްލިނިކް ދައްކައިދީފައި ހުރެ އެވެ. ސީދާ ކްލިނިކަށް ދެވޭނެމަގު ވަދެގެން ދާއިރު ތީރުޖަހާފައިވާ ބޯޑުތަކުން ދައްކާފައި ހުރެ އެވެ.
ކްލިނިކުގެ ދޮރުން އެތެރެއަށް ވަންނައިރު ކަނާތް ފަރާތުގައި ހުންނަ ކައުންޓަރަކުން ނަމްބަރާއި މާސްކު ދޫކުރެ އެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން މާސްކު ރަނގަޅަށް އަޅަން އިރުޝާދުދެ އެވެ.
ޓްރަޔޭޖް އަށް ދާންޖެހެނީ ކައުންޓަރާއި ޖެހިގެން ޕާޓިޝަންޖަހާ ވަކިކޮށްފައި އިންނަ ބަޔަށެވެ. ބްލަޑް ޕްރެޝަރާއި ޓެމްޕަރޭޗަރ ނެގުމަށް ފަހު ކޮވިޑްއަށް ޝައްކު ނުކުރެވޭނަމަ ޑޮކްޓަރުން ބަލައި ކޮޓަރީގެ ބޭރުގައި ހުންނަ ވެއިޓިން އޭރިޔާއަށް ފޮނުވާލަ އެވެ.
ސެނަހިޔާ ކްލިނިކްގެ އިތުރުން މާލޭ ސަރަހައްދުގައި ހުޅުވާފައިވާ ކްލިނިކްތަކަކީ މާލޭހިޔާ–2 ފުރަގަހުގައި ހުޅުވާފައިވާ ދަތުރުވެރިންނަށް ހާއްސަ ކްލިނިކާއި، ހުޅުމާލޭގައި ހުންނަ ބިދޭސީ ފްލޫ ކްލިނިކްގެ އިތުރުން ވިލިމާލޭގައި ޤާއިމްކޮށްފައިވާ ފްލޫ ކްލިނިކެވެ. މީގެ އިތުރުން އޭޑީކޭގައި އޮންލައިން ފްލޫ ކްލިނިކެއް ވަނީ ހުޅުވާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި 23 ކްލިނިކެއް ވަނީ ހުޅުވާފަ އެވެ.
މަބްރޫކް ރޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް ޖުމްލަ 5719 މީހުން ކްލިނިކްތަކުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. އަދި ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 162 މީހުން ކްލިނިކް ތަކަށް ދައްކާފައިވާ ކަމަށެވެ.