ލ. ކަލައިދޫ ކައުންސިލުން އެ ރަށު މީހެއްގެ އަބުރާ ބެހުނުކަން ސާބިތުވާ ކަމަށް އެ ރަށު ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެއީ، ކައުންސިލް އިދާރާއިން ހަދާފައިވާ ކޮމިއުނިޓީ ވައިބަ ގްރޫޕެއްގައި އެ ރަށު ކޯޒީ ހައުސް، އަލީ ޔޫސުފްގެ އަބުރަށް ހުތުރުވާ ގޮތަށް ލިޔުނު ލިޔުމަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ކައުންސިލާ ދެކޮޅަށް އަބުރުގެ ދައުވާ ކުރީ، އަލީ ޔޫސުފްއެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނަށް އިޖާބަދީ، އަލީ ޔޫސުފް އެ މަގާމަށް ކުރިމަތިލައި އަދި އިންޓަވިޔުއިން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން އެ މަގާމަށް އޭނާ ހޮވިފައިވަނިކޮށް، އެ މަގާމަށް އޭނާ އައްޔަން ކުރަން ކައުންސިލުން ދެކޮޅު ހަދައި، އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް ކައުންސިލްގެ ރަސްމީ ވައިބާ ގްރޫޕުގައި ލިޔުމެއް ހިއްސާ ކުރިއެވެ. މި ލިޔުމުގައި ޔޫސުފްގެ އަބުރަށް ހުތުރުވާ ގޮތަށް، ދޮގު ތުހުމަތުތަކެއް ކޮށްފައިވާކަމަށް ޔޫސިފަށް ގަބޫލް ކުރެވިގެން އެ މައްސަލަ ކޯޓަށް ހުށަހެޅީއެވެ.
އެ މައްސަލައިގައި އެ ރަށު ކޯޓުގައި ޔޫސުފް އެދުނީ ޔޫސުފްގެ އަބުރާ ކައުންސިލުން ބެހިފައިވާކަން ކަނޑައަޅައި ދިނުމަށާއި އަދި އޭނާގެ ކިބައިން ލިޔުމުން ކައުންސިލް މައާފަށް އެދުމަށް އަދި މައާފަށް އެދި ލިޔާ ލިޔުން ކައުންސިލްގެ ކޮމިއުނިޓީ ވައިބަ ގުރޫޕްގައި ހިއްސާކުރުމާއެކު އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އަލީ ޔޫސުފަށް މަގާމް ދިނުމަށް ސިވިލް ސާވިސް ކޮމިޝަނުން ނިންމައި، އެކަމުގައި ކައުންސިލްގެ ލަފައަކަށް އެދުމުން ކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ ވޯޓުން އަލީ ޔޫސުފް އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ނިންމީއެވެ. މި މައްސަލައިގައި އިސްމެޖިސްޓްރޭޓް ކުރި ހުކުމުގައިވަނީ އަލީ ޔޫސުފްގެ އަބުރަށް ކައުންސިލުން އަރައިގެންފައިވާ ކަމަށް ކަނޑައަޅުއްވާފަ އެވެ. އަދި އަލީ ޔޫސުފްގެ ކިބައިން މައާފަށް އެދި ކައުންސިލުން ސިޓީއެއް ފޮނުވުމަށާއި، މާއްދީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 5،000 ރުފިޔާ އަލީ ޔޫސުފަށް ދިނުމަށްވެސް ހުކުމްކޮށްފައިވެ އެވެ.
ކޯޓުން އެގޮތަށް އެ މައްސަލަ ނިންމުމުން އެކަމާ ދެކޮޅު ހަދައި ކައުންސިލުންވަނީ އެ މައްސަލަ ހައިކޯޓުގައި މިހާރު އިސްތިއުނާފު ކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު ހައިކޯޓުން އަދި މިހާތަނަށް ގޮތެއް ނިންމާފައި ނުވެއެވެ.