ads
ސްޕެއިން، އަޔަލޭންޑް އަދި ނޯވޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ؛ ޝަޓާސްޓޮކް
ފަލަސްތީނަށް ދައުލަތެއްގެ ޝަރަފު ދޭން ވިލާތުގެ ގައުމުތަކުން އިއްތިހާދުވަނީ
ފަލަސްތީނަކީ މިނިވަން ދައުލަތެއް ގޮތަށް ޔޫރަޕްގެ ސްޕެއިން، އަޔަލޭންޑް އަދި ނޯވޭއިން ބަލައިގެންފި އެވެ.

މި ތިން ގައުމުން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ މެއި 28، 2024 ގައެވެ.

ޑަބްލިންގައި ތިން ގައުމުގެ ބޮޑުވަޒީރުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަޔަލޭންޑްގެ ބޮޑުވަޒީރު ސައިމޮން ހެރިސް ވިދާޅުވީ އަޔަލޭންޑް، ނޯވޭ އަދި ސްޕެއިންއިން ވަނީ ފަލަސްތީން މިނިވަން ދައުލަތެއް ގޮތުގައި ބަލައިގަންނަން ނިންމާފައި ކަމަށެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ އޭނާގެ ގައުމުވެސްވަނީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނަށް އިއުތިރާފުވުމަށް މުޅިން ނިންމާފައި ކަމުގައެވެ. ނަމަވެސް މިކަން ރަސްމީކޮށް އިއުލާނު ކުރާނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށް ސަންޗޭޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި ސްޕެއިނުންވަނީ ފަލަސްތީނާއެކު އެންބަސީއާއި ސަފީރުންގެ ލެވެލްގައި ގުޅުންތައް ގާއިމްކުރުމަށްވެސް ނިންމާފަ އެވެ. މިމަހުގެ 28 އަށްފަހު އެކަންކުރިޔަށް ދާނެއެވެ. 

ނޯވޭގެ ބޮޑުވަޒީރު ޖޯނަސް ގަހްރް ސްޓޯ ވިދާޅުވީ މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓުވަން ފަލަސްތީނަކީ މިނިވަން ދައުލަތެއްތޯ އޮތް ސުވާލަށް ނިމުމެއް ގެންނަން ޖެހޭ ކަމަށެވެ.

އިސްރާއީލަކީ ފަލަސްތީނު ނައްތާލައި ފަލަސްތީނު ރައްޔިތުން އަޅުންގެ ގޮތުގައި ހަދަން މަސައްކަތްކުރާ އަނިޔާވެރި އިސްތިއުމާރީ އެންޓިޓީއެކެވެ. އިސްރާއީލު ގެންދަނީ ފަލަސްތީނުގެ މިނިވަންކަން ނައްތާލުމަށް ޓެރަރިޒަމްގެ އުސޫލުތައް ބޭނުންކޮށްގެން ލޭއޮހޮރުވުންބޮޑު ލާއިންސާނީ ހަނގުރާމައެއް ފަލަސްތީނާ ދެކޮޅަށް ކުރަމުންނެވެ. ދެ ދައުލަތުގެ ހައްލަކީވެސް އިސްރާއީލު ގަބޫލުކުރާ އެއްޗެއް ނޫނެވެ.

އިސްރާއީލުން ވަނީ ސްޕެއިން، ނޯވޭ އަދި އަޔަލޭންޑުގެ މިނިންމުމަކީ ފަލަސްތީނުގެ "ޓެރަރިސްޓުންނަށް" ދޭ ހިއްވަރެއްކަމަށް ސިފަކޮށް އެކަމާމެދު ހިތާމަކުރާ ކަމަށް ބުނެފައެވެ. އިސްރާއީލާއި އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތަކަށް ވާގިވެރިވާ އެމެރިކާއިން ފަލަސްތީނުގެ މިނިވަންކަމަށް ކުރާ ޖިހާދު ސިފަކުރަނީ ޓެރަރިޒަމްގެ ގޮތުގަ އެވެ. 

ފަލަސްތީނަކީ އދ ގެ ފުރިހަމަ މެމްބަރެއް ގޮތުގައި މެއި، 10 ގައި ވަނީ ނިންމާފަ އެވެ. މިކަމަށް ނެގުނު ވޯޓުގައި 143 ގައުމަކުން ހުށަހެޅުމާ އެއްކޮޅަށް ވޯޓު ދިނެވެ. އަދި އިސްރާއީލަކީ ފަލަސްތީނުގެ ނަސްލު ނައްތާލަން މަސައްކަތްކުރާ ގައުމެއްކަމުގެ ދައުވާ ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުގައި އުފުލި މިހާރު އެ މައްސަލަވެސް ދަނީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ތާއީދާއެކު ބާރަށް ކުރިއަށެވެ. 

your imageފަލަސްތީން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް(ވ) އަރަބި ލީގު ސަމިޓް ތެރެއިން

މީގެ އިތުރުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ބައިނަލްއަގްވާމީ ޖިނާއީ ކޯޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ބުނަނީ ބައިނަލްއަގްވާމީ ކޯޓުގެ ފަނޑިޔާރުން އެފަދަ އަމުރެއް ނެރެފިނަމަ ނަތަންޔާހޫ އާއި އިސްރާއީލުގެ ދިފާއީ ވަޒީރު ހައްޔަރުކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ.

މީގެ ހަ މަސް ކުރިން ގާޒާގައި ޔަހޫދީ ފައުޖުން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 35,909އަށް އުފުލިފަ އެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި އަތްފައި ބުރިކުރަން ޖެހިފައި ތިބި މީހުންނާއި މުހިންމު ގުނަވަންތައް ގެއްލިފައި ތިބި މީހުން ވެސް ހިމެނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް