މި މަހާސިންތާ ކުރިޔަށް ދަނީ ގއ. ވިލިގިލީގައެވެ. މިއަދު ފެށި މަހާސިންތާ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.
މި މަހާސިންތާއަކީ މަދަނީ ޖަމިއްޔާތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ޖަމިއްޔާތަކަށް ފަހި ވެށްޓެއް ޤާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ޖަމިއްޔާތަކުގެ ހިޔާލާ މަޝްވަރާ ހޯދުމަށް ކުރިޔަށް ގެންދާ މަހާސިންތާއެކެވެ. މީގެއިތުރުން ޤައުމީ ތަރައްޤީއަށް ވާސިލުވުމަށް ވަކިވަކި ރަށްރަށާއި، އަތޮޅު ފެންވަރުގައި ހުރި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އަމިއްލަ ޖަމިއްޔާތަކުން އަދާކުރާ ދައުރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުންވެސް މި މަހާސިންތާގައި މަޝްވަރާކުރާނެއެވެ.
ޖަމްއިއްޔާތަކުގެ މަހާސިންތާގައި މަދަނީ ޖަމްއިއްޔާތަކާއި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ބައިވެރިވެއެވެ އަދި ދިވެހި ފުލުހުން ހިދުމަތާ ޖެންޑަރ މިނިސްޓްރީވެސް ބައިވެރިވެއެވެ. މި މަހާސިންތާގައި ތަފާތު އެކި ދާއިރާތަކުން ސެޝަންތައް ނެގުމަށްް ހަމަޖެހިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާބެހޭ ވުޒާރާއިން ބުނެއެވެ.