
އެ މިނިސްޓްރީން ބުނީ ބިދޭސީންނަށް ވަޒީފާ ދޫކުރުމާ ބެހޭ ހުރިހާ ކަމެއް އެ މިނިސްޓްރިގެ ދަށަށް މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން ބަދަލުކޮށްފައިކަަމަށެވެ. އެ ބަދަލާއި އެކު ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ ކޯޓާ ދޫކުރުމާއި، ބިދޭސީން ގެނައުމަށް ހުއްދަ ދިނުމާއި، އެކަމާގުޅިގެން ކުރަންޖެހޭ ކަންތައްތައް ރާވައި ހިންގުމުގެ ހުރިހާ މަސައްކަތެއްވެސް ދެން ކުރަމުން އަންނާނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.
މީގެ ކުރިން ބިދޭސީންގެ ވަޒީފާ ދޫކުރުމުގެ ހުރިހާ މަސައްކަތެއް ބަލަހައްޓަމުން ގެންދިޔައީ އިކޮނޮމިކް މިނިސްޓްރީންނެވެ.
ހޯމް މިނިސްޓްރީން ވަނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް "އޮޕަރޭޝަން ކުރަނގި" ނަމުގައި މަސައްކަތެއް ފަށާފައެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 705 ބިދޭސީންގެ ފިންގަޕްރިންޓް ނަގައި މައުލޫމާތު ކަށަވަރުކޮށްފައިވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރައްވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފައެވެ.