ads
ކެޓް ޝެލްޓާ ނިމެންދެން ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދެނީ - ފޮޓޯ: މާލެސިޓީ ކައުންސިލް
ކެޓް ޝެލްޓާ ނިމެންދެން ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދެނީ
ހުޅުމާލެ ފަރުކޮޅުފުށީގައި ޤާއިމުކުރާ ޕެޓް ކެއާ ފެސިލިޓީ ނިމެންދެން މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެގްރިކަލްޗަރ މިނިސްޓަރ އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަމީލާ ވިދާޅުވީ، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ވަގުތީ ހިޔާއެއް ފޯރުކޮށްދީ އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ރަމީލާ ވިދާޅުވީ، ކެޓް ޝެލްޓާ އެޅުމަށް މިހާރު ކޮންޓްރެކްޓާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް 22 ދުވަސްތެރޭ ނިންމާލެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެ މުއްދަތުގެ ކުރިން ވެސް މަގުމަތީގައި އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް އެ ވުޒާރާއިން ވަގުތީ ގޮތުން ކުރަމުންދާކަމަށެވެ. 

އެ މިނިސްޓްރީގައި ޖަނަވާރުތަކަށް ހާއްސަ 2 ޑޮކްޓަރުން އެބަތިބި ކަމަށާއި އެ ޑޮކްޓަރުން ބޭނުންކޮށްގެން ބުޅާތަކުގެ އެސެސްމެންޓެއް ހެދޭނެ ކަމަށާއި ބުޅާތަކަށް ޖެހިފައިވާ ބަލިތަކާއި ބުޅާތަކުގެ ހާލަތު ބަލައި އެ ބުޅާތަކަށް ދޭންޖެހޭ ފަރުވާތައް ދެވޭނެ ކަމަށް ވެސް ރަމީލާ ވިދާޅުވި އެވެ. 

ރަމީލާ ވިދާޅުވީ، މަގުމަތިން ނަގާ ބުޅާތަކަށް ދޭންޖެހޭ ފަރުވާ ދިނުމަށްފަހު އެ ބުޅާތައް ގެންދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާލާނެ ކަމަށާއި އަދި ބުޅަލާއި ދޫނި ހިމެނޭހެން ގެންގުޅޭ ޖަނަވާރާއި ދޫނިތައްވެސް ރަޖިސްޓާކޮށްގެން ބެލެހެއްޓިގެން ވެރިފަރާތެއް ހުރެގެން ގެންގުޅެވޭނެ ކަހަލަ ނިޒާމްތަކެއް ގެނައުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ބުޅާ ޕެޓްގެ ގޮތުގައި ގެންގުޅެން ބޭނުންފުޅުވާ ފަރާތްތަކަށް އަޅުގަނޑުމެން ހަމަ އެތަނުގައި މި ގެންދެވޭ ބުޅާތަކުގެ ތެރެއިން ބޭނުންވާ ފަރާތްތަކުން ބުޅާ ގެންގޮސްގެން ގެންގުޅެވޭނެ ގޮތަކަށް ހުޅުވާލެވޭނެ." ރަމީލާ ވިދާޅުވި އެވެ.

މަގުމަތީގައި ދިރިއުޅޭ ބުޅާތައް ނަގަން ނިންމީ ބުޅާތަކަށް ލިބޭ ގެއްލުންތަކުން ސަލާމަތްކުރުމަށް ކަމަށާއި އާންމުންގެ ތެރެއިން މަދު ބަޔަކު ބުޅާތަކަށް ގަސްދުގައި އަނިޔާކުރާ ކަމަށް ރަމީލާ ވަނީ މައުލޫމާތު ދެއްވާފަ އެވެ. އޭގެ އިތުރަށްވެސް، ބުޅާތަކުގެ ނަޖިހުން އާންމުން ސަލާމަތް ކުރުމަށްޓަކައި މިނިސްޓްރީން މި ފިޔަވަޅު އެޅުމަށް ނިންމި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަގުމަތީގައި އުޅާ ބުޅާތައް ނެގުމުގެ މައިގަނޑު އަމާޒަކީ އެކިއެކި ސަބަބުތަކާ ހުރެ ބުޅާތަކަށް ލިބޭ ގެއްލުންތަކުން އެ ބުޅާތައް ސަލާމަތް ކުރުން ކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ މިނިސްޓްރީން ބުންޏެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް