ads
ކުކުޅުބިސް އުފައްދާ ކާރުހާނާއެއް ހަދަނީ
ކުކުޅު ބިސް އުފައްދާ ކާރުހާނާއެއް އުތުރުތިލަފަޅުގައި ހަދަނީ
އުތުރުތިލަފަޅުގައި ހަދާ ދަނޑުވެރިކަމަށް ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ކުކުޅު ބިސް އުފައްދާ ޕޯލްޓްރީ ފާރމެއް ނުވަތަ ކާރުހާނާއެއް ހެދުމަށް ނިންމާފައިވާކަމަށް އެގްރިކަލްޗަރ މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.
Advertisement

އެ މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ރަމީލާ ވިދާޅުވީ، އެގްރިކަލްޗަރ ޒޯންގައި ދަނޑުވެރިކަން ކުރާނެ މީހުން ތަމްރީންކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ދަނޑުވެރިކަމުގައި ބޭނުންކުރާ ވަސީލަތްތައް ޓެސްޓްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށާއި، އެތަނުގައި ހެއްދޭ ކާބޯތަކެތި އިތުރުކުރުމަށް ވެލީގެ ދިރާސާތަކެއް ކުރަން ހަމަޖެހިފައިވާކަމަށެވެ.

ރަމީލާ ވިދާޅުވީ، އުތުރުތިލަފަޅުން ދަނޑުވެރިކަމުގެ ސަރަހައްދުގެ ގޮތުގައި 200 ހެކްޓަރުގެ ބިމެއް ކަނޑައެޅިފައިވާ ކަމަށެވެ. 

އަދި މި ބިމުގައި ދަނޑުވެރިކަން ކުރަން ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހައިލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި ދަނޑުވެރިކަންކުރާނީ 100 ހެކްޓަރުގެ ބިމެއްގައި ކަމަށެވެ.

"ފުރަތަމަ ފިޔަވަހީގައި ދަނޑުވެރިކަމުގެ އިތުރުން ކުކުޅުބިސް އުފައްދާ ކާރުހާނާއެއް ހެދި، އެތަނުން ކުކުޅުގެ ކާނާވެސް ހެއްދޭނެ، ކުކުޅު ސިއްހީ ކަންކަން ބެލެހެއްޓުމަށް ފެސިލިޓީއެއްވެސް ގާއިމުކުރެވޭނެ." ރަމީލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކާބޯތަކެތީގެ ބާވަތްތައް ހައްދައި، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ. ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ އިގްތިސާދީ ސަރަޙައްދެއް ގާއިމްކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނިން ޗައިނާގެ ހާބާ އިންޖިނިއަރިންގް ކޮމްޕެނީ ލިމިޓެޑާއެކު އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް