ކުއްތާއަކީ ޑިފެންސް މިނިސްޓްރީގެ ހާއްސަ ހުއްދައެއް ލިބިގެން ނޫނީ ރާއްޖެ ގެނެވޭ އެއްޗެއް ނޫނެވެ. ކަސްޓަމުން ބުނީ ތުލުސްދޫއަށް ބޭލި ކުއްތާއަކީ މި މަހުގެ 16 ވަނަ ދުވަހު ސެއިލިން ޔޮޓެއްގައި ރާއްޖެ ގެނެސްފައިވާ އެއްޗެއް ކަމަށާ ހަމަ އެކަނި އެ ޔޮޓްގައި ޕެޓް ޑޯގެއް ގޮތުގައި ގެންގުޅުމަށް ޑިފެންސް އިން ހާއްސަ ހުއްދައެއް ދީފައިވާ ކަމަށެވެ.
އަދި އެ ޔޮޓް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރި ނަމަވެސް ޔޮޓުން ކުއްތާ ނުބޭލޭނެ ކަމަށް ހުއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންވެ، ހުއްދައާ ހިލާފަށް ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައި ވާކަމަށް ބެލެވޭތީ ކަސްޓަމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމުގައި ކަސްޓަމުގެ ބަޔާނުގައިވެ އެވެ.
ކުއްތާއަކީ ރާއްޖެ އެތެރެކޮށް ގެންގުޅުން މަނާ އެއްޗެކެވެ. ފަތުރުވެރިޔަކު ކުއްތާ އުރައިގެން ތުލުސްދޫއަށް ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެއިން ފެށިގެން އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. މިކަމާ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ފުލުހުން ބުނީ ގޮތުގައި ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅުނު ކުއްތާއެއް ތުލުސްދޫއަށް ބޭލި ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެޓެންޑް ވެފައިވާ ކަމަށެވެ. އެގޮތުން ރަށު މީހުން އެ ގެސްޓްހައުސް ކައިރިއަށް އެއްވެ އެކަމާއި ދެކޮޅު ހެދުމުން ފުލުހުން އައިސް އެ ފަތުރުވެރިޔާއާ ކުއްތާ އަނބުރާ ޔޮޓަށް ފޮނުވީލި ކަމަށެވެ.