އާ މަޖިލީހުގައި 93 މެމްބަރުން ތިއްބަވައެވެ.
މިދިޔަ އޭޕްރިލްމަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްުޔިތުން މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއެވެ. އެޕާޓީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ.
މިނިވަން މެމްބަރުންގެ ގޮތުގައި އިންތިހާބުވި 9 މެމްބަރަކު ވަނީ ޕީއެންސީއާާ ގުޅިފައެވެ. އެއާއެކު ޕީއެންސީ މަޖިލީހުގެ މެމްބަރުންގެ އަދަދު 75 އަރާފައެވެ. ގާސިމް އިބްރާހިމާއި ކާނަލް މުހައްމަދު ނަޒީމާއި އަހްމަދު ސިޔާމްގެ އިތިރުން އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދައިރާއަށް އިންތިހާބުވީ މުހައްމަދު އައްބާސް އަކީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންނެވެ. އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑިއެވެ. މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބެވީ ދެ މެމްބަރުންނެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުމުގެ ޖަލްސާ އޮންނާނީ 10:15ގައެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުއެވެ. މި ދައުރަށް ހޮވުނު މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރަކީ ސިޔާމްއެވެ. ސިޔާމް މިހާތަނަށް ވަނީ މަޖިލީހުގެ 4 ދައުރު ފުރިހަމަކޮށްފައެވެ. މީ ސިޔާމް މަޖިލީހުގައި އިންނަވާ 5 ވަނަ ދައުރެވެ.
20 ވަނަ މަޖިލީހުގެ ރައީސްކަމަށް ވާދަކުރަން ނިންމާފައިވަނީ ރައީސް މުއިއްޒުގެ އިސް މުޝީރުގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުރަޙީމް އަބްދުﷲ އެވެ. ނައިބަކަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހްމަދު ނާޒިމެވެ.
މަޖލީހުގެ ސުޕާ މެޖޯރިޓީއޮތް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އައްޔަންކޮށްފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހްއެވެ. ފަލާހުވަނީ މީގެކުރިންވެސް މެމްބަރުކަން ކުރައްވާފައެވެ. އޭނާ މެމްބަރަކަށް ހުންނެވީ މަޖިލީހުގެ 18 ވަނަ ދައުރުގައެވެ.
މައިނޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރަކީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. މީ ނާޒިލް މަޖލީހުގައި އިންނަވާ ދެ ވަނަ ދައުރެވެ.