ފާއިތުވި 2023 ވަނަ އަހަރަކީ ކުއްށުގެ އެކި ބާވަތުގެ މައްސަލަ އިންތިހާއަށް ގިނަ އަހަރެކެވެ. ފުލުހުން ނެރުނު ތަފާސްހިސާބުން ދައްކާގޮތުގައި އެ އަހަރުގެ އެންމެ ފަހު ކުއާޓާގައި އެކަނިވެސް ވައްކަމާއި ފޭރުމުގެ ޖުމްލަ 1488 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުން ދައްކަ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވަނީ ރާއްޖޭގައި ކުށުގެ އަމަލުތައް ދަށަށް ގޮސްފައިވާކަން ހާމަކުރެއްވުމުގެގޮތުން ތަފާސްހިސާބު ދައްކުވައިދޭ ޗާޓެއް ހިއްސާކުރައްވާފަ އެވެ.
އެ ޗާޓުން 4 ވައްތަރުގެ ކުށުގެ ރިކޯޑު ދައްކުވައިދެއެވެ. އެގޮތުން ޑިސެމްބަރުން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިހުރި ހުރިހާ ވައްކަމާ، ފޭރުމާ، މާރާމާރީއާ އަދި ރަހީނުކުރުމުގެ މައްސަލަތަކުގެ އަދަދު ފެނެއެވެ. އެގޮތުން ފާއިތުވި ޑިސެމްބަރުގެ ނިޔަަލަށް 777 ގެ ވައްކަމުގެ މައްސަލައެއް ހުށަަހަޅާފައިވާއިރު މި މެއި މަހުގެ 16 ގެ ނިޔަލަަށް ހުށަހަޅާފައިވަނީ 356 މައްސަަލަކަމަށް އެ ޗާޓުން ދައްކައެވެ.
މީގެ އިތުރުން ޝިފާން ހިއްސާކުރި އިތުރު ޕޯސްޓެއްގައި ޑްރަގް ގެ މައްސަލަތައް ފާއިތުވި ޑިސެމްބަރު މަހާ އަޅާބަލާއިރު މިއަހަރު ދަށަށްގޮސްފައިވާކަމަށް ދައްކައެވެ. އެގޮތުން ޑިސެމްބަރު މަހު ތެރޭ ޑްރަގް ގެ 373 މައްސަލަ ރިޕޯޓްކޮށްފައިވާއިރު މެ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާފައިވަނީ 177 ޑްރަގް މައްސަލައެވެ.
މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ވައްކަމުގެ 270 މައްސަލަ، ޓްރެފިކް އެކްސިޑެންޓުގެ 212 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 55 މައްސަލަ، މަކަރާއި ހީލަތް ހެދުމުގެ 54 މައްސަލަ، ޖިންސީ ގޯނާގެ 30 މައްސަލަ، އަނިޔާ ކުރުމުގެ 52 މައްސަލަ، ގެވެށި އަނިޔާ 15 މައްސަލަ، ފޭރުމުގެ 36 މައްސަލަ، ފޯޖް ކުރުމުގެ 12 މައްސަލަ އަކާއި މަސްތުވާތަކެއްޗާ ގުޅޭ 109 މައްސަލައިގއ އިތުރުން އެއްޗެހި ގެއްލުމުގެ 82 މައްސަލަ ހުށައަޅާފައި ވެއެވެ.
ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން ހުސްވި އޭޕްރީލް މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 928 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.
ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.