މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ 09:30 އިން ފެށިގެން މެންދުރު 13:30 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ވަގުތު ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށެެވެ. އެގޮތުން ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ކުރިޔަށް އޮތް 3 ދުވަހު އަނެެއްކާވެސް މޫސުން ވަރަށް ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިއްޔެވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް 3 ދުވަހު ރާއްޖޭގެ ސަރަހައްދަށް ގަދަ ވަޔާއެކު ވިއްސާރަކޮށް އާއްމު ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށްް އުދަ އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހައި ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފާއިތުވި 2 ހަފްތާގެ ތެރޭގައި ރާއްޖެއައް ކުރި ވިއްސާރާގައި 12 ރަށަކުންް ޖުމްލަ 99 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.