ކޮވިޑާ ގުޅިގެން ޗައިނާ އީސްޓަން އެއާލައިނުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ޗައިނާ އީސްޓަން އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައި ވަނީ އެ ގައުމުގެ ޝެންހާއީގައި ކުރިއަށްދާ އައިޓީބީ ޗައިނާ ފެއާގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް، ޗައިނާ އީސްޓަން އެއާލައިންގެ އެގްޒެކެޓިވް ވައިސް ޕްރެސިޑެންޓް، އީވީޕީ، ވަން ޗިންޗާއޯ އާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވެފައި ވަނީ ޗައިނާ އީސްޓަން އެއާލައިންގެ އީވީޕީ އާއެކު ބޭއްވި ބައްދަލުވުމުގައި ގުޅިގެން ރާއްޖެ ޕްރޮމޯޓްކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރެވެން ހުރި ފުރުސަތުތަކާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކާއި ޗައިނާ އާ ގުޅާލުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވާފަ އެވެ. އެ މަޝްވަރާތަކުގެ ތެރެއިން ރާއްޖެއަށް އަންނަ ޗައިނާގެ އެއާލައިންތަކުގެ އަދަދު އިތުރު ކުރުމާއި ޗައިނާގެ ވީހާވެސް ގިނަ މަންޒިލްތަކަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ. ޗައިނާ އީސްޓަންގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށާފައި ވަނީ މި މަޝްވަރާތަކުގެ ތެރެއިންނެވެ.
މި އަހަރުގެ މިހާތަނަށް ޗައިނާއިން 98,908 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތުން 11.2 އިންސައްތަ އެވެ. ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.