ads
ފަލަސްތީނުގެ ބިންތައް އިޒްރޭލުން މިލްކުކުރުން ރާއްޖެއިން ކުށްވެރިކޮށްފި
ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން 1967 ވަނަ އަހަރު ވެރިވެގަތް ފަހުން ފުރަތަމަ ފަހަރަށް، ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް ޔަހޫދީ "ދައުލަތުގެ މިލްކެއް" ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ހުށަހެޅުމެއް އެ ގައުމުގެ ސަރުކާރުން ފާސްކުރުމާއި ގުޅިގެން ދިވެހިސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
Advertisement

ބައިނަލްއަގުވާމީ ގާނޫނުތައް ބުނާގޮތުން، އިސްތިއުމާރު ކޮށްފައިވާ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަކީ ނުވަތަ އެ ބިންތަކުގައި މީހުން އާބާދުކުރުމަކީ މަނާކަމެކެވެ. ނަމަވެސް އިޒްރޭލުން މި ފިޔަވަޅު އަޅާފައިވަނީ ފަލަސްތީނުގެ ގިނަ ބިންތަކަކީ ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައި ނުވާ ބިންތަކަކަށް ވުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ

މި ނިންމުމާ ގުޅިގެން ފަލަސްތީނުގެ ބުނީ މިއީ ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ކަނޑައެޅިގެން ހިލާފު، މަސްލަހަތު ގޯސްވާނެ "ސީރިއަސް" ފިޔަވަޅެއް ކަމަށެވެ. ހަމާސް އިން ވަނީ މިއީ ފަލަސްތީނުގެ ބިންތައް ޔަހޫދީކުރުމަށް ހިންގާ ބާތިލް އަމަލެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިއަދު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިޒްރޭލުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ ނިންމުމެއް ކަމަށެވެ.

އަދި މިކަމުގެ ސަބަބުން، ފަލަސްތީނުގެ ހައްގުތައް ކަށަވަރުކޮށް، ދާއިމީ ހަމަޖެހުން ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް ސީދާ ހުރަސްއެޅޭ ނިންމުމެއްގެ ގޮތުގައި އެ ބަޔާނުގައި ވަނީ ސިފަކޮށްފަ އެވެ.

އެހެންކަމުން، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންދާ މިފަދަ ނޭއްގާނީ އަމަލުތައް ވަގުތުން ހުއްޓުވައި، ޖަވާބުދާރީ ކުރުވުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފަ އެވެ.

ރާއްޖެ އިތުރުން އުރުދުން، ގަތަރު އަދި މިސްރުގެ ފޮރިން މިނިސްޓްރީތަކުން ވަނީ ވަކިވަކިން ބަޔާންތައް ނެރެ، އިޒްރޭލުގެ މި އަމަލަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާއި ހަތަރު ވަނަ ޖެނީވާ ކޮންވެންޝަނާ ހިލާފު އަމަލެއް ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް