ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ސަރުކާރުގެ އަމާޒު ހާސިލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު، ތިން މައްސަލައަކަށް އިސްކަން ދީގެން މަސައްކަތް ކުރައްވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
އެއީ ރާއްޖެއިން މަސްތުވާތަކެއްތި އެއްކޮށް ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތާއި، ގޭންގު ކުއްތަށް ހުއްޓުވުމަށް ކުރާ މަސައްކަތުގެ އިތުރުން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެވެ.
މި ތިން ކަންތައް ހާސިލް ކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ވެރިންގެ އިރުޝާދުގެ މަތީން މަސައްކަތް ކޮށްދެއްވުމަށް ކޯހުގެ ދަސްވެނީންގެ ކިބައިން ވަޒީރު އެދިވަޑައިގެންނެވި އެވެ.
އަދި އެމަގަށް މަސައްކަތް ކުރަމުންދާއިރު ރިޝްވަތު ދިނުމާއި، ބިރު ދެއްކުން ފަދަ ގޮންޖެހުންތައް އެތެރެއިންނާއި ބޭރުން ކުރިމަތިވާނެ ކަމަށާއި އެހެން ނަމަވެސް ފުލުހުންގެ އަޒުމުގައި ދެމިތިބުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.
އިހުސާން ވިދާޅުވީ، ކުށް މަދުކޮށް އަމާން މާހައުލެއް ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ފުލުހުންގެ ސަފުތަކާއި އަލަށް ގުޅޭ ކޮންމެ އޮފިސަރަކުވެސް ގަދައަޅައި މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ.
އަދި މިކަމުގައި ކުރަން ޖެހޭ މަަސައްކަތްތައް ކުރުމުގައި ހުރިހާ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފަ އެވެ.
އިތުރަށް ކިޔާލަން: ގައުމީ ލޭ އޮފިސަރުންގެ ހަށިގަނޑުން ހިނގާކަން ފެންނަން ޖެހޭ: ސީޕީ
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުން ވަނަވަނައަށް ގޮސްފައިވާ ދަރިވަރުންނަށް ސެޓްފިކެޓް ދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ. އެގޮތުން ހުރިހާ ގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ބީފާނު ސްކޮޑް ހޮވިފައިވާއިރު، ހުރިހާ ގޮތަކުން އެންމެ މޮޅު އޮފިސަރަކަށް ހޮވިފައިވަނީ ސާޖެންޓު އަހުމަދު ނިހާދެވެ. މިއާއެކު ސާޖެންޓް ނިހާދު ވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑުވެސް ހާސިލް ކުރައްވާފަ އެވެ.
މި ކޯހުގައި ޖުމްލަ 190 އެއްހައި ދަރިވަރުން ބައިވެރިވިއިރު، 164 ދަރިވަރުން ވަނީ ކޯހުން ދަސްވެނިވެ ފައެވެ. އެއީ 128 ފިރިހެން ބައިވެރިންނާއި 36 އަންހެން ބައިވެރިންނެވެ.