އޮލިމްޕިއާކޯސްއިން ފިއޮރެންޓީނާގެ މައްޗަށް ޔުއެފާ ކޮންފަރެންސް ލީގުގައި ރޭ ކުރި ހޯދީ އެއް ލަނޑު ސުން ލަނޑުންނެވެ. މި މެޗުން މޮޅުވުމާއެކު އޮލިމްޕިއާކޯސްވެފައިވަނީ ޔޫރަޕުގެ މުބާރާތެއް ކާމިޔާބު ކުރި ގްރީސްގެ ފުރަތަމަ ޓީމަށެވެ. އަނެއްކޮޅުން، އިޓަލީގެ ފިއޮރެންޓީނާ އަކީ ކޮންފަރެންސް ލީގުގެ ދެ ފައިނަލުން ބަލިވި ފުރަތަމަ ޓީމެވެ. މިދިޔަ އަހަރުގެ ކޮންފަރެންސް ލީގުގެ ފައިނަލުން ފިއޮރެންޓީނާ ވަނީ ވެސްޓް ހޭމް އަތުން ބަލިވެފަ އެވެ.
އެންމެ ފަހުން ގްރީސް ޓީމަކުން ޔޫރަޕްގެ ފައިނަލުގައި ކުޅެފައިވަނީ، 1971 ވަނަ އަހަރު އެވެ. އެ ފަހަރުގެ ޔޫރަޕިއަން ކަޕްގެ ފައިނަލުން ގްރީސްގެ ޕެނަތަނައިކޯސް އަތުން ނެދަލެންޑްސްގެ އަޔަކްސް ވަނީ މޮޅުވެފައެވެ.