މިއަދު ހެނދުނު 11:00 އިން ހަވީރު 17:00 އަށް ހއ. އަތޮޅު ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ނެރުނު ސަމާލުގައި ވަނީ، ރާއްޖޭގެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ދެ ދުވަހު ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް މެޓުން އިއްޔެވެސް ވަނީ ބުނެފަ އެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް ރާއްޖެ ސަރަހައްދަށް ގަދަވަޔާއެކު ވިއްސާރަކޮށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ.
މެޓް އޮފީހުން ބުނީ، އާންމުގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ އެންމެހާ ނުރައްކާ ތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.