ads
ފުށިދިށްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފޮޓޯ: ރައީސް އޮފީސް
ރަސްމާލެއަށް ދެން ބިން ހިއްކާނީ ކޮންޓްރެކްޓަރުންނަށް ބިން ނުދޭގޮތަށް: މިނިސްޓަރު
ރަސްމާލޭ މަޝްރޫއުއަށް ދެން ބިން ހިއްކުން ކުރިއަށް ގެންދާނީ މާލެ ސަރަހައްދުން ކޮންޓްރެކްޓަރުންނަށް ބިން ނުދޭގޮތަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
Advertisement

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުން ރޭވި ގޮތަށް މިހާތަނަށް ކުރިއަށް ނުގެންދެވުމާއި އެކު އެ މަސައްކަތަށް ކުރިއަށް ގެންދިއުމަށް އެހެން މަގެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެފައެވެ. އަދި މަޝްރޫއު މަޑުޖެހިފައި ވަނީ ފުށިދިއްގަރުފަޅު ހިއްކަން  ބޭނުންވާ ފައިސާ އެ މަސައްކަތް ހަވާލުކުރި ކުންފުނި ސީއެމްސީ އަށް ހޯދިފައިނުވާތީކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެއަށްފަހު  އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނީ އެއްބަސްވުމާ އެއްގޮތައް މަޝްރޫއު ކޮންޓްރެކްޓަރަަކަށް ނުކުރެވުމުގެ ސަބަބުން އިތުރު ފުރުސަތެއް ސަރުކާރުން ނުދޭން ނިންމި މައިގަނޑު ސަބަބަށް އަލިއަޅުއްވާލާފައެވެ.

"ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްބަސްވުމާ އެއްގޮތަށް ކޮންޓްރެކްޓަރަށް ނުކުރެވުމުން، އިތުރު ފުރުޞަތު ނުދޭން ނިންމި މައިގަނޑު ސަބަބަކީ މާލެ ސަރަޙައްދުން ބިންތަކެއް ދިނުމަކާނުލައި ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާތީ" މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.

އެ ޕޯސްޓްގައި މިނިސްޓަރު ވަނީ ވަރަށް އަވަސް މުސްތަގްބަލެއްގައި ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތްވެސް ފެށިގެންދާނެކަމުގެ ޔަގީންކަން ދީފައެވެ.

"އިރާދަކުރެއްވިއްޔާ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެއަށް ބޭނުންވާ ފުށިދިއްގަރު ފަޅު ހިއްކަން ހަވާލުކުރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް އިންވެސްޓްމަންޓް (ސީއެމްސީ) އާއެވެ. އެ މަސައްކަތް ހަވާލުކުރީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދިނުމަށެވެ. އެއީ ފުށިދިއްގަރުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އެކުންފުންޏަށް ދޭ ގޮތަށެވެ.  

މިދިޔަ ޑިސެމްބަރު މަހު 18 ވަނަދުވަހު ހިއްކަން ފެށި ފުށިދިއްގަރު ފަޅު ހިއްކާ 8 މަސައްދުވަހުފެތެރޭގައި ނިންމާމެނަކަމަށް މިނިސްޓްރީން ބުނެފައިވާނަަމަވެސް އެ މަސައްކަތް ފެށިތާ ގިނަދުވަސްތަކެއް ނުވަނީސް ހުއްޓުނު ގޮތަށް މަސައްކަތް ވަނީ މަޑުޖެހިފައެވެ. މީގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކާ ނިމުމުން އެތަނުގައި ފަށާ ހައުސިން މަޝްރޫއުގެ މަސައްކަތް މިހާރު ހަމަޖެހިފައިވާކަމަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވަނީ ފާހަގަކުރައްވާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް