އެ މިނިސްޓްރީން ބުނި ގޮތުގައި، ޒަމީރު ލަންކާގެ ވެރިރަށް ކޮލަމްބޯއަށް ކުރައްވާ މި ދަތުރު ނިންމަވާލައްވާނީ ޖޫން ހައެއްގައެވެ. މި ދަތުރުފުޅަކީ ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުގައި މިނިސްޓަރު ޒަމީރު ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގްހެ އާއި ބޮޑުވަޒީރު ޑިނޭޝް ގުނަވަރދެނާ ގެ އިތުރުން ފޮރިން މިނިސްޓަރު ސަބްރީއާވެސް ބައްދަލުކުރައްވާނެ އެވެ.
ރަސްމީ ވާހަކަތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ޒަމާންވީ ގުޅުން ހަރުދަނާ ކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެ އަދި މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައިވެ އެވެ.
ޒަމީރު ލަންކާއަށް ކުރައްވާ މި ދަތުރަކީ، ފޮރިން މިނިސްޓަރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.