ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުޅުވާލެވުނު ފުރުސަތުގެ ދަށުން އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅި ފަރާތްތަކާއި ގުޅޭގޮތުން 27 މެއި ގައި މިނިސްޓްރީން ކުރި އިއުލާނާއެކު އާންމުކުރެވުނު ލިސްޓްތަކަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބެލުމަށްފަހު މިހާރުވަނީ ފައިނަލް ލިސްޓް އާންމު ކުރެވިފަކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން:
- 1250 އަކަފޫޓުގެ 193 ގޯތި
- 1650 އަކަފޫޓުގެ 683 ގޯތި
- 2050 އަކަފޫޓުގެ 487 ގޯތި
- 2450 އަކަފޫޓުގެ 4 ގޯތި
މިނިސްޓްރީން ބުނީ އެ ލިސްޓްތަކުގެ ތެރޭގައި ހިމެނޭ ގިރާވަރުފަޅުން 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހަޅާފައިވަނީ ގުޅީފަޅަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންކަމަށް ވަތީ އެފަރާތްތަކުގެ މެދުގައި ގުރުނެގުމެއް ނޯނާނެކަމަށެވެ.
ނަމަވެސް ގިރާވަރުފަޅުން 1250 އަކަފޫޓާއި 1650 އަކަފޫޓުގެ ގޯތި ލިބިފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަވާތީ ގުޅީފަޅަށް ބަދަލުކުރަން ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރު ނެގުން އޮންނާނީ ޖޫން ހަތަރެއް ވާ އަންގާރަ ދުވަހު ދަރުބާރުގެ ރަންނަބަނޑޭރި މާލާމުގައި ކަމަށެވެ.
ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅުލާން ބޭނުންވާ ފަރާތްތަކުން ހާޒިރުވާން ޖެހޭނީ ހެނދުނު 9:00 އިން 10:00 އަށެވެ.
އަދި ގުރުނަގަން ފެށުމަށް ހަމަޖެހިފައިވަނީ މެންދުރު 12:00 އިން ފެށިގެން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.