ads
ރޭގެ ބައްދަލުވުމުގައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޝަހީމާއި މާލޭގެ މޭޔަރު އާޒިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދެ އަހަރު ތެރޭ މާލެ މިސްކިތްތަކުގައި ހުންނާނީ ފަސް ތަރީގެ ފާހާނަ: މޭޔަރު
މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ މިސްކިތްތަކުގައި އެންމެ މަތީ ފެންވަރުގެ ފާހާނަ ހެދުމަކީ އޭނާގެ އަމާޒެއް ކަމަށާއި އެހެންވެ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކަން ހާސިލް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުރި ފާހަނާތައް ފަސް ތަރީގެ ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާލެ، ވިލިމާލެ ހުޅުމާލެގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ހުންނާނީ ފަސް ތަރީގެ ރީތި ފާހަނާތައް. ފާހަނާތައް ސާފުކޮށް ބެހެއްޓުމަކީ ގައުމެއްގެ ހަޔާތުގައި ގައުމެއް ކުރިއެރުވުމަށް ވަރަށް މުހިންމު އެއްޗެއް," މޭޔަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ގެއެއްގެ ފާހަނާ އެ ބަޔަކު ރީތިކޮށް ގެންގުޅޭނަމަ އެ ބަޔަކީ ސާފު ތާހިރުކޮށް އުޅޭ ބަޔެއް ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި މިސްކިތްތައް އަދި މިސްކިތްތަކުގެ ފާހާނާތައް ސާފުކޮށް ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެކަމަކު، ދަތިކަމެއް ކުރިމަތިވުމަކީ އެ ކަމެއް ހުއްޓާލުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކުރަންޖެހޭ ކަމަކީ އިތުރަށް އަޒުމް ވަރުގަދަކޮށް، އެ ކަމެއް ކާމިޔާބު ކުރަން މަސައްކަތް ކުރުން ކަމަށް މޭޔަރު ވިދާޅުވި އެވެ.

"އުނދަގޫ ވާ ވަރަކަށް އަޅުގަނޑަށް އަންނަނީ ފޯރި. އަޅުގަނޑު ބޭނުންވަނީ އިތުރަށް މަސައްކަތް ކުރަން ގަދައަޅައި. އެއީ ކުރަންޖެހޭ ކަމެއް އަޅުގަނޑުމެންނަށް ކުރިމަތި ކޮށްފައި އޮތީމާ. އެހެންވީމާ ދަތިވުމާއި އުނދަގޫވުމާއި ވަރުބަލިވުމާއި ފޫހިވުމަކީ މަސައްކަތަކަށް ނުކުމެފައި ހުންނަ މީހަކަށް އެއްވެސް ކަހަލަ އޮޕްޝަނެއް ނޫން," އާޒިމް ފާހަގަކުރެއްވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން މޭޔަރުވަނީ ފަތިސް ނަމާދުކޮށްގެން ވަރުގަދަ އަޒުމަކާއެކު ގަދަޔަށް މަސައްކަތްކޮށް، އެކަމަކުން އަނެކާއަށް ހިތްހަމަޖެހުން ހޯދައިދޭން މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެލައްވައިފަ އެވެ.

ރޭގެ ހަފުލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަތެވެ. އެ ހަފުލާގައި އޭނާ ވިދާޅުވީ، މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގައި އޭނާ އާއި މިނިސްޓްރީގެ އެހީތެރިކަން މާލޭ ސިޓީ ކައުންސިލަށް އަބަދުވެސް ލިބޭނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދަކީ ވެސް އެއީ ކަމަށް ޝަހީމް ވިދާޅުވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް