ދިއްގަރަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގައި މައްސަލައަށް ހައްލު ހޯދާދިނުމަށް މިދިޔަ ސަރުކާރުން ވަނީ އެރަށުން 25 ހެކްޓަރުގެ ބިން ހިއްކާ، އަދި ހިއްކި ބިން ޙިމާޔަތްކުރުމާއި، ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، ބޭރު ތޮށިލުމުގެ މަސައްކަތް ކޮށްފައެވެ. މި މަޝްރޫއަށް 121 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ދިއްގަރު ކައުންސިލުން ބުނީ ބަންޑާރަ ގޯތީގެ ގޮތުގައި 1500، އަކަފޫޓްގެ 70 ގޯތި ދޫކުރުމަށް ނިންމާފއިވާކަމަށެވެ. އަދި މި ގޯއްޗަށް އެދޭ ފަރާތްތަކުން މާދަމާއިން ފެށިގެން ކައުންސިލުން ފޯމު ދޫކުރަން ފަށާނެކަމަށެވެ. އަދި ފޯމު ބަލައިގަންނަން ފަށާނީ ޖޫން މަހުގެ 23ގައިކަމަށާއި ފޯމު ހުށައެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ޖުލައިމަހުގެ 11 ކަމަށްވެސް ދިއްގަރު ކައުންސިލުން ބުނެއެވެ.
ދިއްގަރު ކައުންސިލުން ބުނީ އެރަށުން ދިރިއުޅުމަށް ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ގޯތި ދިނުމުގެ އެކިއެކި މަރުޙަލާގައި ޢަމަލީ ގޮތުން ބައިވެރިވެ ކުރިއަށް ގެންދިޔުމަށް 11 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ކައުންސިލްގެ ބެލުމުގެ ދަށުން އެކުލަވާލާނެކަމަށެވެ.
ކޮމެޓީ އެކުލެވިގެންވާ ގޮތް
- ކައުންސިލުން 5 މެމްބަރުން ( ރައީސް އަދި ނައިބު ރައީސް ހިމެނޭގޮތަށް)
- ރައްޔިތުން ތަމްސީލު ކުރާ 2 މެމްބަރުން
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން 1 މެމްބަރު
- ރަށުގެ މުއައްސަސާ ތަކުން 2 މެންބަރުން
- ކައުންސިލް އިދާރާގެ މުވައްޒަފުންގެ ތެރެއިން ކައުންސިލުން ކަނޑައަޅާ 1 މެމްބަރަކު
ދިއްގަރު ކައުންސިލުން ބުނީ ގޯއްޗަށްް ކުރިމަތިލާ މީހަކަށް ގޯތި ލިބިއްޖެނަ އޭނާއަށް ލިބިފައިވާ 600 އަކަފޫޓައްވުރެ ކުޑަ ގޯއްޗެއް ނުވަތަ އެއްމެދު ގޯއްޗެއް އޮތް ނަމަ ދޫކޮށްލަންޖެހޭނެކަމަށެވެ.
މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އިމާރާތްކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓަރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ވަނީ އޭޕްރިލް 18 ގައި ހަވާލުކޮށްފައެވެ. މ420 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި މަސައްކަތުގެ ދަށުން ދިއްގަރުގައި އިމާރާތް ކުރަން ހަމަޖެހިފައިވަނީ 1،000 އަކަފޫޓުގެ ހައުސިން ޔުނިޓުތަކެކެވެ. އެ ހައުސިން ޔުނިޓްތަކުގައި ހިމެނެނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންގް ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހިމެނޭ ގޮތަށް 1000 އަކަފޫޓު ބޮޑުމިނުގެ 75 ހައުސިންގ ޔުނިޓެވެ.