ބީސީސީގެ ހަތް ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ސްޓާފް ގާލާ ނައިޓް ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައި ސައީދު ވިދާޅުވީ އެ ކޯޕަރޭޝަނުގެ އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ދިވެހި އުފެއްދުންތައް ކުރިއެރުވުމަކީ މަގުސަދެއް ކަމަށެވެ. އެގޮތުން ބީސީސީގެ ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ދެކޮޅު ޖެހޭ ވިޔަފާރިއެއްގެ ގޮތުގައި ކުރިއަށް ގެންދަން ޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމާއި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްތައް އުފެއްދުމަށް ކަމަށެވެ. ރާއްޖޭގައި އެކި ކަހަލަ ކާރުހާނާތައް ގާއިމުކުރެވިދާނެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވި ގޮތުގައި ލޮނު އުފައްދާ ކާރުހާނާއެއް ގާއިމުކުރުމަށް ފީސިބިލިޓީ ސްޓަޑީއެއް ހަދައި އަދި އިތުރު ސްޓަޑީއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ. ސަރުކާރުން ގާމަންޓްސް ކާރުހާނާއެއް އުފެއްދުމަށް ބޭނުންވާ ކަމަށާއި އެފަދަ ތަކެތި އުފައްދަން މާކެޓެއް ވެސް ބޭނުންވާނެ ކަމުގައި ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ޗައިނާ އާއެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަލުން މި އަހަރު އަމަލުކުރަން ފެށުމާ އެކު ބޮޑު މާކެޓް އެކްސެސްއެއް ލިބޭނެ ކަމަށެވެ. ކޮލިޓީ އާ ސްޓޭންޑަޑް އިންފްރާސްޓްރަކްޗާއެއް ގާއިމުކޮށް އިމްޕޯޓްކުރާ ތަކެތީގެ ކޮލިޓީ އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވެފައި ވަނީ ރައީސްގެ ލަފާފުޅާ އެކު، ތުރުކީ އާއެކު ފްރީ ޓްރޭޑް އެރޭޖްމަންޓް ނިންމަން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި އަހަރުގެ ތެރޭގައި އެކަން ނިމި އިމްޕްލިމެންޓް ކުރެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އިނގިރޭސި ވިލާތާ އެކު ފްރީ ޓްރޭޑް އެރޭޖްމަންޓް ހެދުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމުގަ އެވެ. އޭގެ އިތުރުން އިންޑިއާ އާއެކު ވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކްރިއޭޓާ އިކޮނޮމީ ހަބެއް ގާއިމުކުރުމަށް ރައީސް ނިންމަވާފައި ވަނީ ވެރިކަމުގެ ކުރީކޮޅު ބޭނުންތެރި މަސައްކަތެއް ކުރެއްވުމަށް ކަމަށެވެ. އެ ހަބްގެ ދަށުން ޕޭމަންޓް ނިޒާމްތައް ތައާރަފު ކުރެވޭނެކަން ސައީދު ފާހަގަކުރެއްވި އެވެ.
މި ސަރުކާރުގެ އަމާޒަކީ މި ހުރިހާ މަސައްކަތްތަކެއްގެ ކުރީ ސަފަށް ބީސީސީ ނެރުން ކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވަނީ އެ ވިސްނުމުގައި ބީސީސީގެ މުވައްޒަފުން މަސައްކަތް ކުރަން އިލްތިމާސް ކުރައްވާފަ އެވެ.