ads
އެސްޓީއޯ ހެޑް އޮފީސް އިމާރާތް: އެސްއޯއީތަކުގެ ތެރެއިން ފާއިތުވި އަހަރު އެންމެ ދެފުށް ފެންނަ ކުންފުންޏަކީ އެސްޓީއޯ - ފޮޓޯ:އަވަސް
ފާއިތުވި އަހަރު އެންމެ ދެފުށް ފެންނަ ކުންފުންޏަކަށް އެސްޓީއޯ
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފާއިތުވި އަހަރު އެންމެ ދެފުށް ފެންނަ ކުންފުންޏަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ރިޕޯޓަކުން ދައްކައިފި އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު "ކޯޕަރޭޓް ގަވަނެންސް ޓްރާންސްޕޭރެންސީ އިންޑެކްސް" (ސީޖީޓީއައި) ގައި ވަނީ މައިގަނޑު ހަ ކެޓަގަރީއެއް ދަށުން ސަރުކާރު ހިއްސާވާ 32 ކުންފުންޏެއްގެ ދެފުށް ފެންނަ މިންވަރު ބަލާފަ އެވެ.

ސީޖީޓީއައި ރިޕޯޓުގައި ކުންފުނިތަކުގެ ދެފުށް ފެންނަ މިންވަރު ބަލާފައިވާ ހަ ކެޓަގަރީއަކީ އޯނަޝިޕް ޕޮލިސީ، ކުންފުނިތަކުގެ މަގުސަދުތަކާއި އޯގަނައިޒޭޝަނާއި އޮޕަރޭޝަންތަކާއި ޕާފޯމެންސް، ދައުލަތާ ދެމެދު ކުރާ މުއާމަލާތްތައް، ޕްރައިވެޓް ސެކްޓާ އާ ދެމެދު ކުރާ މުއާމަލާތްތައް، ސީއެސްްއާރާއި އިންޓާނަލް ކޮންޓްރޯލާއި ކޯޕަރޭޓް އިންޓެގްރިޓީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑެވެ.

އެސްޓީއޯއިން ވަނީ މި ހަ ކެޓަގަރީގެ ތެރެއިން ތިން ކެޓަގަރީއަކުން ކުރި ހޯދާފަ އެވެ. އެއީ އޯނަޝިޕް ޕޮލިސީ، ކުންފުނިތަކުގެ މަގުސަދުތަކާއި އޯގަނައިޒޭޝަނާއި އޮޕަރޭޝަންތަކާއި ޕާފޯމެންސް އަދި ސީއެސްްއާރާއި އިންޓާނަލް ކޮންޓްރޯލާއި ކޯޕަރޭޓް އިންޓެގްރިޓީގެ ކެޓަގަރީންނެވެ.

އޯނަޝިޕް ޕޮލިސީ ކެޓަގަރީން 79 އިންސައްތަ މާކްސްއިން އެސްޓީއޯއިން ކުރި ހޯދިއިރު، ސީއެސްްއާރާއި އިންޓާނަލް ކޮންޓްރޯލާއި ކޯޕަރޭޓް އިންޓެގްރިޓީގެ ކެޓަގަރީން ކުރި ހޯދާފައި ވަނީ 65 އިންސައްތަ މާކްސްއިންނެވެ. ކުންފުނިތަކުގެ މަގުސަދުތަކާއި އޯގަނައިޒޭޝަނާއި އޮޕަރޭޝަންތަކާއި ޕާފޯމެންސް ކެޓަގަރީން ގިނަ ކުންފުނިތަކަށް ލިބުނީ 50 އިންސައްތައަށް ވުރެ ދަށް މާކްސް އެކެވެ. އެ ކެޓަގަރީން އެސްޓީއޯއިން ވަނީ 57 އިންސައްތަ މާކްސް ހޯދާފަ އެވެ.

ދައުލަތާ ދެމެދު ކުރާ މުއާމަލާތްތަކުގެ ކެޓަގަރީންނާއި ޕްރައިވެޓް ސެކްޓާ އާ ދެމެދު ކުރާ މުއާމަލާތްތަކުގެ ކެޓަގަރީން އެސްޓީއޯއިން ވަނީ 82 އިންސައްތަ މާކްސް ހޯދާފަ އެވެ. ދައުލަތާ ދެމެދު ކުރާ މުއާމަލާތްތަކުގެ ކެޓަގަރީން ސައްތައިން ސައްތަ މާކްސް އާއެކު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުރި ހޯދިއިރު، ޕްރައިވެޓް ސެކްޓާ އާ ދެމެދު ކުރާ މުއާމަލާތްތަކުގެ ކެޓަގަރީން އެ ކުންފުނިން ކުރި ހޯދާފައި ވަނީ 95 އިންސައްތަ މާކްސް އާއެކުގަ އެވެ.

ސީޖީޓީއައި ރިޕޯޓު އެކުލަވާލުމުގައި ޓްރާންސްޕޭރެންސީން މައުލޫމާތު އެއްކޮށްފައި ވަނީ މިދިޔަ އަހަރު ކުންފުނިތަކުން އާންމުކުރި އަހަރީ ރިޕޯޓުތަކުން ކަމަށްވާއިރު، މައުލޫމާތު އެއްކުރި މުއްދަތުގައި ރިޕޯޓުތައް އާންމުކޮށްފައި ވަނީ 11 ކުންފުންޏަކުންނެވެ. ޕީސީބީގެ ގަވާއިދުގައިވާ ގޮތުން އަހަރު ނިމުމަށްފަހު ހަ މަސް ދުވަހުގެ ތެރޭގައި ކޮންމެ އަހަރެއްގެ ވެސް އަހަރީ ރިޕޯޓު ކުންފުނިތަކުން އާންމުކުރަން ޖެހެ އެވެ.

ސީޖީޓީއައި ރިޕޯޓުގައި މައިގަނޑު ހަ ކެޓަގަރީއެއްގެ ދަށުން ބަލާފައިވާ 38 މިންގަނޑުގެ ތެރެއިން 16 ކަމަކީ ކުންފުނިތަކުގެ އަހަރީ ރިޕޯޓުގައި ހިމަނަން ޖެހޭ މައުލޫމާތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް